ހެންވޭރު އަންނާރުމާގެ ތެރެއިން މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.

މީހަކު މަރުވެގެން މިއަދު ހެނދުނު 10:24ގައި ފުލުހަށް ރިޕޯޓުކޮށްފައި ވާކަމަށް ބުނެއެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ ހުސައިން ހިޝާމް ރަޝީދު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާއަކީ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލާފައިވާ ކަމުގެ ދައުވާ އުފުލާފައިވާ އިސްމާއިލް ހައިޝަމް ރަޝީދުގެ ބޭބެއެވެ. އާއިލާއާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ހިޝާމް މަރުވެފައި ވަނީ ފިޓު ޖެހިގެންނެވެ.

އޭނާ މަރުވެފައި މިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކިންނަށް ބިރު ދައްކައި ޖިސްމާނީ އަނިޔާ ކުރާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް، އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ފުލުހުން ބުނެފައި ވަނިކޮށެވެ.