ސޫރިޔާގެ އިރުއުތުރު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން ނެތިކޮށްލުމުގެ މަގުސަދުގައި ކަމަށް ބުނެ ތުރުކީވިލާތުން ސޫރިޔާގައި އަސްކަރީ އޮޕަރޭޝަންތައް ފަށާފައި ވާއިރު، ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިފައި ވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ސޫރިޔާގެ އިރުމަތީ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ސީރިއަން ޑިމޮކްރަޓިކް ފޯސަސްއަށް އަމާޒުކޮށް ތުރުކީ ވިލާތުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ، އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ސަރަހައްދުން ބާލާފައިވާ ދަނޑިވަޅެއްގައެވެ.

ސޫރިޔާގެ 8 އަހަރުވީ ހަނގުރާމައިގެ މަސްރަހު ގާތުން ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓަރޯ ފޯ ހިއުމަން ރައިޓްސްއިން މައުލޫމާތު ދޭ ގޮތުގައި، ތުރުކީވިލާތުން އަސްކަރީ އޮޕަރޭޝަންތައް ފެށި ފަހުން ކުރުދީ ހަނގުރާމަ ވެރިންގެ 23 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ އިތުރުން ތުރުކީވިލާތާ އެއްކޮޅަށް ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަ ގުރޫޕަކުންވެސް 6 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު ސީރިއަން ޑިމޮކްރަޓިކް ފޯސަސްއިން ބުނީ، ތުރުކީވިލާތުން ދިން ވައިގެ ހަމަލާތަކެއްގައި ސޫރިޔާގެ އާންމުންގެ 9 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ.

ވަޔާ އެއްގަމު މަގުން ތުރުކީވިލާތުން ސޫރިޔާއަށް ހަމަލާދޭން ފެށިފަހުން، 60000 އަށްވުރެ ގިނަ މީހުން، އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ރެފިއުޖީންނަށް ވެ ހާލުގައިޖެހިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތްއިރު ގިނަ ގައުމުތަކަކުން ދަނީ ތުރުކީވިލާތަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ. ނަމަވެސް މިކަމަށްވެސް ތުރުކީވިލާތުން ވަނީ ރައްދު ދީފައެވެ. އެގޮތުން ސޫރިޔާގައި ތުރުކީވިލާތުން ހިންގަމުންދާ އޮޕަރޭޝަނަށް ވިލާތުގެ އިއްތިހާޑުން ފާޑުކިޔަމުންދާ ކަމުގައި ވަނީނަމަ، ވިލާތަށް ހިޖުރަކުރުމުގެ ފުރުސަތު އެތައް މިލިއަން ރެފިއުޖީންނަށް ހުޅުވާލާނެ ކަމުގެ އިންޒާރު، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންވަނީ ދެއްވާފައެވެ.

ތުރުކީވިލާތުން ސޫރިޔާއަށް އަރާފައިވާކަމަށް ދޭހެކޮށްދޭ މޭރުމަކުން ވިލާތުގެ އިއްތިހާދުން ވާހަކަދައްކަމުންދާނަމަ، ތުރުކީވިލާތުގައި ތިބި ސޫރިޔާގެ 3.6 މިލިއަން ރެފިއުޖީންނަށް ވިލާތަށް ހުރަސްކުރެވޭނެ މަގު ތަނަސްވަކޮށްދެއްވާނެ ކަމުގެ އިންޒާރު އުރުދުގާން ވަނީ ދެއްވާފައެވެ.

ޓެރަރިސްޓުންގެ ގޮތުގައި ތުރުކީވިލާތުން ބަލަމުން އަންނަ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިން ބަލިކުރުމުގެ ނަމުގައި ތުރުކިވިލާތުން ސޫރިޔާގައި ސީދާ އަސްކަރީ އޮޕަރޭޝަންތައް ފެށި މިދިޔަ ބުދަ ދުވަހުއެވެ.