މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑު ކުރުމަށް ޔޫތު މިނިސްޓްރީން ނިންމުމާ ގުޅިގެން އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ޖަލުތައް އޮޑިޓުކުރުމަށް އެކުލަވައިލި ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާއީލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިންޒާރު ދެއްވައިފިއެވެ.

ޝަހިންދާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖަމިއްޔާ ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. އަދި އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ހިލާފަށް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެވާހަކަ ދައްކަން ފައްޓައިފި ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީން މިއަދު އެމްޑީއެން ސަސްޕެންޑު ކޮށްފައިވާއިރު އެ މިނިސްޓްރީން ވަނީ މިއަދުން ފެށިގެން ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައެވެ. ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ނަމުގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ހުރި ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ އެމްޑީއެންގެ މައްސަލަ އެ ސާވިސް އިން ތަހުގީގު ކުރަމުން ދާތީ، ޖަމިއްޔާތަކާ ބެހޭ ގަވާއިދުގެ 39 ވަނަ މާއްދާއިން ޖަމިއްޔާތަކާ ބެހޭ ރަޖިސްޓަރާއަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން އެމްޑީއެންގެ ހަރަކާތްތައް މިއަދުން ފެށިގެން ހުއްޓާލުމަށް ޔޫތު މިނިސްޓްރީން އަނގާފައި ވެއެވެ.

ޔޫތު މިނިސްޓްރީން އެމްޑީއެން ސަސްޕެންޑް ކޮށްފައި ވާއިރު އެމްޑީއެން އާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅުގައި އެ ޖަމިއްޔާ އުވާލަން ގޮވާލައި، އެ ޖަމިއްޔާގެ ވެރިންނާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.