ފުވައްމުލަކު ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީގެ ކައުންސސިލަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސޯލިހް ފުވައްމުލަކު ސިޓީގެ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ފުވައްމުލަކުގައި ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ އަދި ކުރިޔަށް ރޭވިފައިވާ މަޝްރޫތަކާއި ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ އުމުރާނީ މަސައްކަތްތައް ކުރުމަށް ވެލި ލިބުމުގައި ހުރި ދަތިތަކާއި، ރަށުގެ ސްކޫލުތަކަށް އިތުރު ވަސީލަތްތައް ބޭނުންވާކަމާއި ތައުލީމީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މީގެއިތުރުން ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި މަސްވެރިންނާ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލައާއި ބަނދަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ސިއްހީ ދާއިރާއިން ގެންނަން ބޭނުންވާ ކުރިއެރުންތަކާއި، ޒުވާނުންގެ ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް އިތުރުކުރުމާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، ފުވައްމުލަކުގެ ބަނދަރުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މީގެއިތުރުން، ވެލި ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގެ ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހައްލު ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.

ފުވައްމުލަކު ރައްޔިތުންގެ ތެރެއިން ފްލެޓް ލިބުނު ރައްޔިތުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފްލެޓްގެ އަގުތައް އަތްނުފޯރާ ވަރުގައި ހުރުމުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ، އިހުތިޖާޖުގެ ފޮޓޯތަކުގައި އިޖުތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރައްވަން ނައިބު ރައީސް ފައިސަލް ނަސީމް ހުންނަވާތަން ވެސް ފެނިފައިވެއެވެ.

ފުވައްމުލަކުގައި ފްލެޓު އަގުބޮޑުވެގެން ކުރި މުޒާހަރާގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކު ފްލެޓުގެ މައްސަލައިގައި ރައީސް އޮފީހަށް ފޮނުވި ސިޓީގައި ވަނީ ފުވައްމުލަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ އެވްރެޖް މުސާރައަކީ މަހަކު 5000 ރުފިޔާ ކަމަށާއި އެ ރަށުގައި ލިބެން ހުރި ވަސީލަތްތަކާއި މާހައުލު ހުރި ގޮތުން އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތް ކަމަށެވެ. ހަމައެއާއެކު ދޫކޮށްފައިވާ ހައުސިންގް ޔުނިޓުތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 19000 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، މަހު ކުލީގެ ގޮތުގައި 3800 ރުފިޔާ ނަގަން ސަރުކާރުން ހަމަޖައްސާފައި ވުމުން ލިބޭ 5000 ރުފިޔާގެ މުސާރައިން ކުލި ދައްކާފައި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ހައުސިންގް ޔުނިޓްގައި ދިރިއުޅެން ދާނެ ހަރަދު އަންދާޒާ ކޮށްފައި އެ ސީޓީގައި ބުނެފައިވަނީ ގާތްގަނޑަކަަށް 10،000 ރުފިޔާ އަރާނެ ކަމަށެވެ. އެހެންކަމުން، އެންމެ އާދައިގެ މީހާ ދިރިއުޅުމަށް ދޫކުރާ ހައުސިންގް ޔުނިޓްތައް އަތް ފޯރާ އަގެއްގައި ލިބިގެން މެނުވީ އުފާވެރި ފަސޭހަ ޖަޒީރާވަންތަ ދިރިއުޅުމެއް ނުލިބޭނެ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.