އަންހެނުންނަށް ސައުދީގެ އަސްކަރީ ބާރުތަކާ ގުޅުމުގެ ފުރުސަތު މިހާރު އޮންނާޏެ ކަމަށް ސައުދީ އަރަބިއްޔާއިން އިއުލާންކޮށްފިއެވެ.

އަންހެނުންނަށް އަސްކަރީ ހިދުމަތާ ގުޅެވޭނެ އިންތިޒާމު ސައުދީއިން ހަމަޖައްސާފައި މިވަނީ، އެގައުމަށް ގެންނަމުންދާ އިގުތިސޯދީ އަދި އިޖުތިމާއީ އިސްލާހީ ބަދަލުތަކުގެ ތެރެއިން ކަމަށް ޚަބަރު ލިބެއެވެ.

ސައުދީ އަރަބިއްޔާގެ އަންހެން އެކްޓިވިސްޓުންނާ ދެކޮޅަށް އެ ގައުމުން ވަރުގަދަ ހަރަކާތެއް ހިންގަމުންދާކަމަށް ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕުތަކުން ތުހުމަތުކުރަމުންދާ ދާ ދަނޑިވަޅެއްގައި ސައުދީއިން އެޅި މިފިޔަވަޅަކީ އަންހެނުންގެ ހައްގުތައް އިތުރަށް ފުޅާކުރުމަށް ސައުދީއިން މި ފަހުން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށްވެއެވެ.

މިއީ އަންހެނުން ބާރުވެރިކުރުވުމަށް އެޅި އިތުރު ފިޔަވަޅެއްކަން ފާހަގަކޮށް ސައުދީގެ ހާރިޖިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި ބަދަލާއެކު، ސައުދީ އަސްކަރިއްޔާގެ ޕްރައިވެޓް ފަސްޓް ކްލާހާ، ކޯޕަރަލް ސާޖަންޓް ކަމުގެ މަގާމުގައި ހިދުމަތް ކުރުމުގެ ފުރުސަތު ސައުދީގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރު ސައުދީ އަރަބިއްޔާއިންވަނީ، އެގައުމުގެ ސަލާމާތީ ބާރުތަކަށް ހިދުމަތް ކުރުމުގެ ފުރުސަތު، އެ ގައުމުގެ އަންހެނުން ހުޅުވާލާފައެވެ.