ސައުދީ އަރަބިއްޔާގެ ސަލްމާންގެ އެންމެ އަރިސް ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އަސްކަރީ މޭޖާ ޖެނެރަލް ޢަބްދުލްޢަޒީޒު އަލް-ފަޣަމްގެ މަރާ ގުޅިގެން، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)އަށް ތުހުމަތުތަކެއް އަމާޒުކުރަން ފަށައިފިއެވެ.
ރަހުމަތްތެރިއެއްގެ ގޭގައި ހިނގިކަމަށް ބުނާ ހަމަނުޖެހުމެއްގައި ދިން ބަޑީގެ ހަމަލާތަކެއްގެ ޝިކާރައަކަށްވެ، އުމުރުން 48 އަހަރުގައި އަލް-ފަޣަމް މަރުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.
އަލް-ފަޣަމްގެ ކުއްލި މަރާއެކު، ސައުދީގެ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުންވަނީ ބޮޑެތި ބަހުސްތަކެއް ކުރަން ފަށާފައެވެ. އަލް-ފަޣަމް "މަރާލާފައި"ވަނީ، ސައުދީގެ އިސް އަމީރުންތަކަކާ އޮންނަ ގުޅުންތަކެއްގެ ސަބަބުން ކަމަށް މުރާސިލުން ވަނީ ތުހުމަތު ކުރަން ފަށާފައެވެ. އެގޮތުން، ސައުދީގެ ވެރިކަން ހޯދުމަށް އެމްބީއެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ޕްލޭންތަކާ ބެހޭ މައުލޫމާތު، ސައުދީގެ އެހެން އަމީރުންނަށް ފޯރުކޮށްދެނީ އަލް-ފަޣަމްކަމަށާ، އެއީ އެމްބީއެސްއަށް ގަބޫލުވެވަޑައިގެންނެވޭނެ ކަމެއް ނޫންކަމަށް ދޭހަވާފަދަ މޭރުމަކުން މުރާސިލުން ދަނީ ވާހަކަ ދައްކަމުންނެވެ.
ސައުދީގެ ޝާހީ އާއިލާއާއިއެކު ގައި މަސައްކަތްކުރުމަށްފަހު ގައުމު ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ސައުދީގެ އިލްމީ ރައްޔިތެއް ކަމަށްވާ ހަމްޒާ އަލް-ކިނާނީ ބުނާގޮތުގައި ޢަބްދުﷲ ރަސްގެފާނުގެ ޒަމާނުއްސުރެ ސައުދީގެ އަމީރުންނާ ގާތް ގުޅުމެއް އޮންނަ އަލް-ފަޣަމްއަކީ އެމްބީއެސްގެ ޕްލޭންތައް ލީކުރަމުންދާ މަސްދަރުކަމަށް ޝައްކު ކުރުމުގެ ފުރުސަތު ޝާހީ އާއިލާއަށް އެބައޮތް ކަމަށެވެ.
މީގެ އިތުރުން ސައުދީގެ މަގުތަކުގައި އާންމު ރައްޔިތެއްގެ ގޮތުގައި އަލް-ފަޣަމް ހަރަކާތްތެރިވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އެއީވެސް އަލް-ފަޣަމް، ސައުދީގެ ޝާހީ އާއިލާގެ އެހެން މެމްބަރުންތަކަކާ މުއާމަލާތުކުރާ ކަމުގެ ހެއްކެއް ކަމަށް ދަނީ ބަހުސްކުރެވެމުންނެވެ. މިއީ ރަސްގެފާނުގެ އަރިހުން ދުރަށް، މަދުން ނޫނީ ނުދާ ބޮޑީގާޑަކު ފެނުން ނާދިރު ހާލެއް ކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާގެ އޭޖެންޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ރޮބާޓް ބެއާވެސް ވަނީ އަލް-ފަޣަމްގެ މަރުގައި އާދަޔާ ހިލާފު ކަންތައްތަކެއް އެކުލެވޭ ކަމަށް ބުނެފައެވެ.
އަލް-ފަޣަމްގެ އާދަޔާ ހިލާފު މަރާ ގުޅިގެން އެމްބީއެސްއަށް ތުހުމަތުތަކެއް އަމާޒުކުރަން ފަށާފައި މިވަނީ، ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ އިހާނެތި ގޮތަކަށް މަރާލާފައިވަނީ އެމްބީއެސްގެ އޯޑަރަކަށް ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަހުސްތަކެއް ކުރަމުންދާތާ 1 އަހަރު ފުރިފައިވާ ދަނޑިވަޅެއްގައެވެ.