އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގިނަ ވާހަކަތަކެއް، އިނގިރޭސި ޓެބްލޮއިޑް ނޫހެއް ކަމަށްވާ 'ދަ ސަން"އަށް ލީކުކުރަމުންދަނީ ފުޓުބޯޅަކުޅުންތެރިޔާ ޖޭމީ ވާޑީގެ އަންހެނުން ރެބެކާ ވާޑީގެ އިންސްޓަގްރާމް އެކައުންޓް ބޭނުންކުރަމުންދާ "މީހާ" ކަމަށް، މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ ވޭން ރޫނީގެ އަންހެނުން ކޮލީން ރޫނީ ބުނުމާއެކު، ރޫނީއާއި ވާޑީގެ އަންބިންގެ މެދުގައި ވަރުގަދަ ކޯޅުންގަނޑެއް ފެށިއްޖެއެވެ.

ރޫނީގެ އަންހެނުން ބުނާ ގޮތުގައި، އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ވާހަކަތައް ޓެބްލޮއިޑް ނޫހަށް ލީކުކުރަމުންދިޔަ މީޙަކު ހޯދުމަށް އޭނާ ވަނީ 5 މަސް ދުވަހުގެ ތަހުގީގެއް ހިންގާފައެވެ. އެކަން ކުރަނީ ރެބޭކާގެ އިންސްޓަގްރާމް އެކައުންޓް ގެންގުޅޭ "މީހާ"ކަން ކަށަވަރުވީ، މި ތަހުގީގު ތެރެއިން ޝައްކު ކުރެވޭ އެކި މީހުންގެ އެކައުންޓްތައް ބްލޮކް ކުރަމުން ގޮސް، އޭނާގެ ޕޯސްޓްތައް ފެންނަ ހަމައެކަނި މީހަކީ ރެބޭކާ ކަމުގައި އޮތް ދުވަސްވަރު އިންސްޓަގްރާމްގައި އާންމުކުރި އަސްލެއް ނެތް މައުލޫމާތުވެސް ޓެބްލޮއިޑް ނޫހަށް އެރުމުން ކަމަށް ރޫނީގެ އަންހެނުން ދަނީ ބުނަމުންނެވެ.

ރޫނީގެ އަންހެނުން ބުނީ، އެ ވާހަކަތައް ފެނުނު ހަމައެކަނި އެކައުންޓްއަކީ ރެބެކާގެ އިންސްޓަގްރާމް އެކައުންޓްކަން ސާބިތުވާ ވަރަށް ހެކި ހުރި ސްކްރީންޝޮޓްތައްވެސް އޭނާގެ އަތުގައި އެބަހުރިކަމަށެވެ.

ކަންމިހެން އޮތްއިރު، ރެބޭކާވެސް ވަނީ ރޫނީގެ އަންހެނުންނަށް ވަރުގަދަ ރައްދެއް ދީފައެވެ. ކޮލީންގެ ތުހުމަތުތަކަށް ރެބޭކާ އިންކާރުކުރެއެވެ. އަދި މިފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި އޭނާ ބޭޒާރުކޮށް ފަލީހަތް ކުރުމުގެ ކުރިން، ސީދާއާއި އޭނާއާއި ވާހަކަ ދެއްކުން ރަނގަޅުވީސް ކަމަށާ، އެކަން އެހެން ކުރި ނަމަ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ޕާސްވާޑް ބަދަލުކުރީސް ކަމަށްވެސް ރެބޭކާ ވަނީ ބުނެފައެވެ.

ކޮލީންއާއި ބެހޭ ވާހަކަތަކެއް ވިއްކާލުމުގެ ބޭނުމެއް އޭނާއަކަށް ނެތް ކަމަށާ، އޭނާއަކީ ފައިސާ ނެތިގެން އުޅޭ މީހެއް ނޫންކަމަށްވެސް ރެބޭކާގެ ރައްދުގައި ވަނީ ބުނެފައެވެ. ކޮލީން ކުރި ތުހުމަތުތަކަށް އިންކާރު ކުރަންޖެހޭތީވެސް ހިތާމަކުރާކަމަށް ރެބޭކާވަނީ ބުނެފައެވެ.

ރެބޭކާވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ފޮރެންސިކް ތަހުގީގެއް ހިންގުމަށް އޭނާގެ ވަކީލުންނާ ހަވާލުކޮށްފައެވެ.