ކުރުދީ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދުތަކަށް އަމާޒުކޮށް ތުރުކީވިލާތުގެ ހަނގުރާމަތީ މަތިންދާ ބޯޓުތަކުން ވައިގެ މަގުން ހަމަލާދޭން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ސޫރިޔާގެ ފަސްގަނޑުގައިވެސް އެގައުމުން އަސްކަރީ ހަރަކާތްތައް ފަށައިފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވީ މި އޮޕަރޭޝަނަކީ ކުރުދީ ހަނގުރާމަވެރިންގެ ކިބައިން "ސަލާމަތްވެފައިވާ ޒޯނެއް" ގާއިމުކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. ތުރުކީވިލާތުން އަމިއްލައަށް ނިންމި މި ނިންމުމަށް ވިލާތުގެ އިއްތިހާދުންވަނީ ދެކޮޅުވެރިކަން ފާޅުކޮށް، މި އޮޕަރޭޝަން ހުއްޓާލުމަށް ތުރުކީވިލާތަށް ގޮވާލާފައެވެ.

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ވަޔާ، އެއްގަމު މަގުން ސޫރިޔާގައި އޮޕަރޭޝަން ހިންގަމުންދާ ސަރަހައްދަކީ ސޫރިޔާގެ ގިނަ އަދަދެއްގެ ރެފިއުޖީންވެސް ދިރިއުޅެމުންދާ، އެގައުމުގެ އުތުރުގެ ސަރަހައްދުތަކެވެ. ކުރުދީ ބާރު އޮތް ހަނގުރާމަވެރިންނަކީ ސޫރުޔާގެ ހަނގުރާމަ އެންމެ ގަދަވި ދުވަސްވަރު އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބައިޔަތު ހިފައިގެން ތިބި ބަޔަކަށްވީއިރު، އެ ހަނގުރާމަވެރިން ވަނީ ތުރުކީވިލާތުން އެންމެ ފަހުން މި ފެށި އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ތެދުވާނެ ކަމުގެ އިންޒާރު ދީފައެވެ.

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާގައި ސީދާ ހަރަކާތްތައް ފަށާފައި މިވަނީ، ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ސަރަހައްދުން ބާލާފައިވާ ދަނޑިވަޅެއްގައެވެ.

ޓްވިޓާ މެދުވެރިކުރައްވާ އުރުދުގާން ވިދާޅުވީ، މި އޮޕަރޭޝަނަކީ ޓެރަރިޒަމްގެ ކޮރިޑޯއެއް އުފެދިގެން ދިޔަ ނުދިނުމަށްޓަކައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ސޫރިޔާއަށް ލިބިފައިވާ ސަރަހައްދީ ނަޒާހާރާތްތެރިކަން ދަމަހައްޓައިދީ، ޓެރަރިސްޓުންގެ ކިބައިން ސޫރިޔާ ސަލާމަތްކޮށްދެއްވާނެ ކަމަށްވެސް އުރުދުގާންވަނީ، މި އޮޕަރޭޝަން ދިފާއު ކުރައްވާ ޓްވީޓްކުރައްވަމުން ވައުދުވެވަޑައިގެންފައެވެ.

ސޫރިޔާ ހަނގުރާމައިގެ ސަބަބުން ގައުމު ދޫކޮށްދިޔަ އެތައް މިލިއަން ބަޔަކު ދިރިއުޅެމުންދަނީ ތުރުކީވިލާތުގައި ކަމަށްވާއިރު، ތުރުކީވިލާތުގެ އަމާޒަކީ އެގައުމުގައި ދިރިއުޅެމުންދާ ސޫރިޔާގެ 3.6 މިލިއަން ރެފިއުޖީން އަނބުރާ ސޫރިޔާއަށް ފޮނުވާލުމެވެ. އަދި "ސަލާމަތްތެރިކަމުގެ ޒޯނަކީ" އެމަގުސަދުގައި ރެފިއުޖީންނަށް ހާއްސަކޮށްގެން ތުރުކީވިލާތުން ގާއިމުކޮށްދޭ، "ރައްކާތެރިކަމުގެ މަންޒިލެއް" ކަމުގައި ބެލެވެއެވެ.