ޑައިވްކުރަން އުޅުމުގެ ތެރޭގައި، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ދިމާވެ، ހާލުދެރަވި ފަތުރުވެރިއަކު، އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އަވަސް ފަރުވާ ދިނުމަށް ސީއެމްބިޔުލާންސްގައި މިއަދު ކުރަމަތީ ރިސޯޓަށް ގެންގޮސްފައިވާ ފަތުރުވެރިއަކީ، އއ.ރަސްދޫ ކައިރީ އޮތް "ބުލޫ ޝާކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވްކުރަން އުޅުނު 58 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ.

މި މީހާއަށް އަވަސް ފަރުވާ ދިނުމަށް އއ.ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ ސީއެމްއެމްބިޔުލާންސް އެ ސަރަހައްދަށް ފޮނުވައި، މިއަދު ހެނދުނު 09:38 ހާއިރު އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އއ. ކުރަމަތި އައިލެންޑް ރިސޯޓަށް ވަނީ ގެންގޮސްދީފައެވެ.