ގައިދީން ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި 16 ސިޓީއެއްގެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ތިން މަހެއްހާ ދުވަހު އެކި ޖަލުތަކުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް 16 ސިޓީއެއް އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، ވަކި ވަކި ސިޓީއަށް ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އެމަނިކުފާނު ހުންނެވީ، ވަކި އަދަދަކަށް ސިޓީ ލިބުނީމައި، ހުލާސާއެއް އެކުލަވާލައްވައި، ހިއުމަންރައިޓްސް ކޮމިިޝަނަށް ފޮނުއްވުމަށް ކަމަށެވެ.

ޖަލުތަކުގެ ހާލަތު ދަށްކަމަށާއި ގައިދީންނާ މެދު އަމަލު ކުރަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ގައިދީން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އަދި އެ މައްސަލަ ބެލުމަށް މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ 100 ދުވަހުގެ ތެރޭގައި ޖަލު ކޮމިޝަނެއް އެކުލަވާލައި ޖަލުތަކުގެ އޮޑިޓެއް އެކުލަވާލިއެވެ.

ނަމަވެސް އޮޑިޓުން ހާމަވީ، ޖަލުތަކުގައި އަދިވެސް އަނިޔާ ކުރާކަމުގެ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށާއި، ޖަލުތަކުގެ ބައެއް ގޮޅިތަކުގެ ހާލަތު ހުރީ އިންސާނުން ބާތިއްބާ ވަރަށް ވުރެ ދަށުގައި ކަމަށެވެ.