މޯލްޑިވް ގޭހުން އެތެރެ ކުރާ ގޭހުގެ އަގަށް އިތުރު 50 މިލިއަނެއްހާ ރުފިޔާ އަރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފިއެވެ.
މި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ، ތަފާސް ހިސާބުތަކަށް ހަވާލާދީ، 2017 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް ޝިޕްމެންޓްތަކުގެ އަގު އިތުރުވެފައިވާ އިރު ކޮންމެ ޝިޕްމެންޓަކުން 130،000 ޑޮލަރު އިތުރަށް ހަރަދު ކޮށްފައި ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި އެއީ، އަހަރަކަށް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ނުވަތަ 2.9 މިލިއަން ޑޮލަރު ކަމަށް މެންބަރުން ވިދާޅުވިއެވެ.
ކޮމިޓީން މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ އެ ކޮމިޓީއަށް ލިބުނު ސިއްރު ސިޓީއަކާ ގުޅިގެން މޯލްޑިވް ގޭހުން ރާއްޖެއިން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، މިހާ ބޮޑު އަދަދެއް ގޭސް ގަތުމުގައި ހަރަދު ކުރާ ކަން ފާހަގަވެފައި ވަނީ ކުރިން ގޭސް ގެންނަ ސަޕްލަޔަރުގެ ބަދަލުގައި ތާޑް ޕާޓީ މެދުވެރި ވެގެން ގޭސް ގެންނަން ފެށުމުން ކަމަށެވެ. އަދި ތާޑް ޕާޓީ މެދުވެރިކޮށް ގޭސް ގަތުމުން 50 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށާއި މިކަން މިގޮތަށް މޯލްޑިވް ގޭހުން ކުރާ ސަބަބު އޮޅުން ފިލުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނާޝިޒް ވިދާޅުވީ، ދައުލަތުގެ ކުންފުންޏަކަށް ވާ ގެއްލުން ކުޑަ ކުރުމަށްޓަކައި މޯލްޑިވް ގޭހުން މި މުއާމަލާތް ހިންގުން މިހާރުން މިހާރަށް ހުއްޓާލައި، ކުރީގެ މެނުފެކްޗަރާ އަތުން އޯޑަރު ކުރަންޖެހޭ ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މޯލްޑިވްސް ގޭހަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ އަމަލު ހުއްޓުވިއްޖެ ނަމަ، އާންމުން ގަންނަ ގޭހުގެ އަގުން 50 ވަރަކަށް ރުފިޔާ ހެޔޮ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، ކޮންމެ ގޭސް ފުޅިއަކުން ގާތްގަނޑަކަށް 50 ރުފިޔާ ވަގަށް ނަގާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ވަނީ މޯލްޑިވް ގޭހުގެ އިސްވެރިން ކޮމިޓީ އަށް ހާޒިރު ކުރުމަށް ނިންމާފައެވެ. އަދި މިހާރުން މިހާރަށް ސަޕްލަޔަރު ބަދަލު ކުރުމަށް މޯލްޑިވް ގޭހަށް އެންގުމަށް ނިންމާފައެވެ.