އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގައި އަލަށް ކައިވެނި ކުރި އަންހެނަކާއި އޭނާގެ އާއިލާގެ 3 މެންބަރަކު ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ރިޒަވޮޔާއަކަށް ވެއްޓި، ގެނބިގެން މަރުވެއްޖެއެވެ.

އިންޑިއާގެ ފުލުހުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

މިމީހުން މަރުވީ 6 މީހުންގެ ގުރޫޕަކުން ޕަމްބާރު ޑެމްގައި އަތުގައި ހިފަހައްޓައިގެން ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައެވެ. އެމީހުން އޭރުވެސް ތިބީ އުނަގަނޑާ ހިސާބަށް ފެން ހުރި ސަރަހައްދެއްގައި ކަމަށާއި، އެމީހުން މަރުވީ، 6 މީހުންގެ ތެރެއިން އެކަކު ކައްސަލައިގެން ވެއްޓުނު ގަޑީގައި އެކަކު އަނެކަކު އަތަށް ދެމުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ކައްސާލީ އުމުރުން އެންމެ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ޚަބަރު ލިބެއެވެ.

ކައިވެނި ކުރި ފިރިހެން މީހާ ވަނީ އޭނާއާއި އޭނާގެ ކޮއްކޮ ސަލާމަތްކޮށްފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުންވެސް، ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވަނީ އިންޑިއާގައެވެ. އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ބަލާއިރު ސެލްފީ ނަގަން އުޅުމުގެ ތެރޭގައި 2011 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު 259 މީހަކު މަރުވިކަމަށް ރިޕޯޓްކޮށްފައިވާއިރު، މީގެ ދެބައިކުޅަ އެއްބައި ހާދިސާ ހިނގާފައިވަނީ އިންޑިއާގައިކަން ފާހަގަކުރެވެއެވެ. ލިސްޓުގައި ދެން އޮތީ ރަޝިޔާ، އެމެރިކާ އަދި ޕާކިސްތާނެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތުތަކުން މިހާރުވެސް ދަނީ ސެލްފީގެ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުވުމަށް ކެމްޕޭންތައް ހިންގަމުންނެވެ.