ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންދާ ކާގޯ އިމާރާތަކުން މީހަކު ވެއްޓި އެމީހަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުން 8:20 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ އިމާރާތުގެ އެއްވަނަ ފަންގިފިލާ އިންވެއްޓިގެން އަނިޔާ ލިބިފައިވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ. އަދި މި ހާދިސާ ހިނގުމުން އެއާޕޯޓުގެ ފަސްޓް އެއިޑަށް ގެންދިއުމަށްފަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

އެމީހާގެ ހަށިގަނޑުން އިންޓާނަލް ބްލީޑްވާ ކަމަށާއި ފްރެކްޗާސް ހުރިކަމަށް އެއާޕޯޓުގެ ފަސްޓް އެއިޑުން ފުލުހުންނަށް މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ބުނެއެވެ. މިހާރު އެމީހާ ވަނީ އައިޖީއެމްއެޗަށް އިތުރު ފަރުވާއަށް ގެންގޮސްފައެވެ.

ފުލުހުން އިތުރަށް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހަދަމުންދާ އިމާރާތުން އެއްޗެހި ވެއްޓިގެން އެކި ކަހަލަ ގެއްލުންވާ މައްސަލަތައް އާންމުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ހިޔާ ޓަވަރެއްގެ 10 ވަނަ ފަންގިފިލާއިން ބިދޭސީއެއް ވެއްޓި ވަނީ މަރުވެފައެވެ.

މިއީ އިމާރާތުގެ މަސައްކަތް ކުރަމުންދަނިކޮށް، ބިދޭސީއެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތަކުން ބިދޭސީން ވެއްޓިގެން އަނިޔާލިބިފައިވާ އިރު، މިފަދަ ހާދިސާއެއްގައި ދެމީހަކު މަރުވެފައި ވެއެވެ.