އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލަތަކުގައި އެކަން ސިޔާސީ ނުކޮށް ހުރިހާ އިލްމުވެރިން އެކީ އެއް އަމާޒެއްގައި މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިހް އިލްޔާސް ޖަމާލު ވިދާޅުވީ ދިވެހި ގައުމުން އިސްލާމްދީން ފުހެ ނުލެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ކުރާ މަސައްކަތް ﷲ ބާތިލް ކުރައްވާނެ ކަމަށާއި އެފަދަ ފަރާތްތަކަށް "ނަސްރު" ނުލިބޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ރަސޫލާ (ސ.އ.ވ) ދެކެ ދިވެހިން ލޯބިވާތީ އެމްޑީއެންގެ ރިޕޯޓުގައި އެއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަމަކީ މުސްލިމަކަށްވެ ހުރެ މަޑުން ހުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އިލްޔާސް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ މީގެ އަހަރުތަކެއް ކުރިން ނެރެފައިވާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓާއި މެދު ކުރީގެ ސަރުކާރުތަކުން އަޅާލާފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އިލްޔާސް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު 2015 ވަނަ އަހަރު މި ރިޕޯޓު ނެރުނަސް ކޮންމެ އަހަރަކުހެން ރިޕޯޓަށް ބައިތަކެއް އިތުރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުތެރޭ ވެސް ކޮންމެވެސް ވަރަކަށް ބައިތަކެއް އިތުރުކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑު ދީނީ އިލްމުވެރިންނަށްވެސް ގޮވާލާނީ އެ ދީނޭ މިއީ ލާދީނޭ އެއް ސަރުކާރު އަނެއް ސަރުކާރު، މިހެން ސިޔާސީ މިކަން ނުކުރުވާ އަޅުގަނޑުމެން އެންމެން އެއްބައިވެ އެއް ހަށިގަނޑެއްގެ ގޮތުގައި ނަސްރު ދިނުމަށް މަސައްކަތް ކުރަން ހިނގާށޭ،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ދީނާމެދު ލޯބި އުފެއްދުމަށް ގިނަ މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީން ކުރާ ކަމަށެވެ. ނަމަވެސް އެމްޑީއެންގެ ރިޕޯޓަކީ ކަންބޮޑުވާ ވަރުގެ ރިޕޯޓެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ މިފަދަ މައްސަލަތަކަކީ ވަކި މީހަކަށް އިނގިލި ދިއްކުރަންޖެހޭ މައްސަލަތަކެއް ނޫން ކަމަށެވެ.