މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ މައްސަލަ ހާއްސަ ސަމާލު ކަމެއް ދީގެން ފުލުހުން ބަލަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ މައްސަލައާ ގުޅުން ހުރި ކަންކަން ފުލުހުން ކުރަމުން ގެންދާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް ނުފޫޒެއް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީއެންއިން 2015 ވަނަ އަހަރު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް' ގެ ނަމުގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށޫއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތައުހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަދު މަޖިލީހަށްވެސް ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަަމުން މަޖިލީހުގެ މެންބަރުން ވަނީ އެމްޑީއެން ކުށްވެރިކުރައްވާފައެވެ.
އެ ރިޕޯޓަކީ 2015 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި، އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.