ބުނެވޭ ގޮތުގައި މިއީ އެމެރިކާގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ ބައެއްގެ ފުރާނަ ދުއްވާލި ސިލްސިލާ ގާތިލެވެ. މިއީ މިހާރު އުމުރުން 70 އަހަރުތައް ގުނަމުންދާ ސެމިއުލް ލިޓްލްގެ ވާހަކައެވެ. އުމުރުގެ އެކި ހިސާބުގައި 93 މީހަކު މަރާލިކަމަށް ސެމިއުލް ލިޓްލް އިއުތިރާފުވެއެވެ. ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސެމިއުލް ލިޓްލް މިހުރިހާ ކަމަކަށް އިއުތިރާފުވިއިރު، މިއީ އެންމެ ނުރައްކާތެރި ގާތިލުންގެ ގޮތުގައި މުޅި ދުނިޔެ ސިފަކުރަމުންދިޔަ ޓެޑް ބަންޑީއާއި ޖޮފްރީ ޑޭމާ މަރާލި މީހުންނަށްވުރެވެސް އިތުރު އަދަދެކެވެ.

ސިލްސިލާ ގާތިލު ލިޓްލްގެ ވާހަކަ އެންމެ ފުރަތަމަ ޝައްކުވީ އެމެރިކާގެ ތަހުގީގީ އަދި ތަންފީޒީ ބާރުގެ ގޮތްޕެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ޓެކްސަސް ރޭންޖާޒްގެ ޖޭމްސް ހޯލަންޑްއަށެވެ. ހޯލަންޑްއާއި ދިމާވުމާ ހަމައަށް، ލިޓްލް އެއްވެސް ކަމަކަށް އިއުތިރާފުވެފައެއް ނުވެއެވެ. ނަމަވެސް ހޯލަންޑްގެ މަސައްކަތުން، އުމުރުން 79 އަހަރުގެ ލިޓްލްވަނީ އޭނާގެ މުޅި އުމުރު ހިންގި ގަތުލުތަކަށް އިއުތިރާފުވެފައެވެ.

ކެލިފޯނިއޯ ސްޓޭޓް ޕްރިޒަންއަށް ހޯލަންޑް ދިޔައިރު ކަމާބެހޭ ފަރާތްތަކުގެ ރާޑަރުން ލިޓްލް ކައްސާލާފައިވާތާ ބައި ގަރުނުވެދާނެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވި ހުނަރާ އުކުޅުތަކުގެ ބޭނުންކޮށްގެން، ލިޓްލް ލައްވާ ވާހަކަ ދައްކަން ހޯލަންޑްފެށިއެވެ. ހަގީގަތްތައް ހާމަވާން ފެށީ ދެނެވެ.

ހޯލަންޑްއަށް ލިޓްލް ކިޔައިދީފައިވާ ގޮތުގައި އޭނާ 93 މީހުން މަރާލީ އެމެރިކާގެ 19 ސްޓޭޓެއްގައެވެ. އޭނާ އެކަން ކުރީ 1970 އާއި 2005 ވަނަ އަހަރާއި ދެމެދުގައެވެ. ލިޓްލް ކިޔައިދީފައިވާ ގޮތުން ނަމަ އޭނާ އެންމެ ގިނަ މީހުން މަރާލާފައިވަނީ ލޮސް އެންޖަލީސްއާއި މަޔާމީގައެވެ. އެލްއޭގައި 20 މީހަކު މަރާލާފައިވާނެ ކަމަށް ލިޓްލް ބުނެއެވެ.

އެހެންވީއިރު، މިހާ ދުވަހު އޭނާގެ ސިއްރު ފަޅާނާރާ އޮތީ ކީއްވެ؟

ހޯލަންޑް ޖަވާބު ވަރަށް ސޮރީހައެވެ. ހޯލަންޑް ބުނާ ގޮތުގައި ލިޓްލް އެކުރާ ކަމެއް ކުރަން ހަމަ މޮޅީއެވެ. މީހަކު މަރާލުމަށްފަހު އަވަށުން ފިލަނީއެވެ. ލިޓްލް ޝިކާރަކުރަނީ ސިޓީ ތެރޭގައި އެންމެ ނާޒުކު ހާލުގައި ތިބި މީހުން ބަލައިގެންނެވެ. 93 ޝިކާރައަކީވެސް އަންހެނުން ކަމަށްވާއިރު، ލިޓްލްގެ ލިސްޓަށް އެމީހުން އިތުރު ކުރަމުންދިޔައީ އެމީހަކު ގެއްލިގެން، ފުލުހުންވެސް މާ ބޮޑު ކަމެއް ނުކުރާނެ ކަހަލަ މީހުން ބަލައިގެންނެވެ. އެގޮތުން ލިޓްލްގެ ޝިކާރައަކަށްވީ މީހުންގެ ލިސްޓުގައި ގިނައީ ހަށިވިއްކަން އުޅުނު މީހުންނާ، މަސްތުވާތަކެތީގެ އަޅުންނަށް ވެފައި ތިބި މީހުންނެވެ.

ހޯލަންޑް ބުނި ގޮތުގައި ލިޓްލްގެ ފަރާތުން އެންމެ ފުރަތަމަވެސް އޭނާއަށް ފާހަގަކުރެވުނު ކަމަކީ އޭނާގެ އާދަޔާ ހިލާފު ތޫނުފިލިކަމެވެ. ހޯލަންޑް ބުނާ ގޮތުގައި ލިޓްލްއަކީ ފޮޓޯގްރަފިކް މެމަރީގެ "ނަސީބު" ލިބިފައިވާ މީހެކެވެ. ކުދިކުދި ތަފްސީލުތަކަށްވެސް ލިޓްލްގެ ސިކުނޑި ފުރުސަތުދެއެވެ. އެގޮތުން އޭނާގެ ޝިކާރައަކަށްވީ މީހުން ދިރިއުޅެމުންދިޔަ ސަރަހައްދުތަކުގައި ހުރި ކުދިކުދި ތަފްސީލުތަކާ، އެ ތަފްސީލުގައި ހުރި ކުލަތައްވެސް ލިޓްލް ހަނދާން ހުރެއެވެ.

ހޯލަންޑް ބުނާ ގޮތުގައި ލިޓްލް ކިޔައިދީފައިވާ މިފަދަ ތަފްސީލުތަކުގައި ކުޑަ ނަމަވެސް ތަފާތެއް ނެތެވެ. މިހާރުވެސް އެބުނާ ތަންތަން ހަމަ އެގޮތުގައި އެބަހުއްޓެވެ. މިފަދަ އެއްތައް ސަބަބަކާ ހެދި، މީގެ ކުރިން ނުނިމިހުރި ގިނަ މައްސަލަތަކެއްވެސް މިހާރުވަނީ ކޮޅެއްގައި ޖެއްސޭ ގޮތްވެފައެވެ.

ސިލްސިލާ ގާތިލު ސެމިއުލް ލިޓްލް(ވ) ޓެކްސަސް ރޭންޖާ ޖޭމްސް ހޯލަންޑްއާއި ވާހަކަދައްކަނީ/ފޮޓޯ: ސީބީއެސް ނިއުސް

ލިޓްލް ބުނާ ގޮތުގައި އޭނާގެ ޝިކާރައަކަށްވީ މީހުންގެ ސިފަވެސް އެހާމެ ރަނގަޅަށް ހަނދާން ހުރެއެވެ. އެންމެ ކުޑަމިނުން އެ އަންހެނުންގެ ދަތްޕިލާ ހުންނަ ގޮތްވެސް ލިޓްލް ކިޔައިދެއެވެ. ވަކި މީހެއްގެ ނަން ބުނުމަށްފަހު، އެމީހެއްގެ ދަތްޕިލާގައި ދެދަތް ދޭތެރެ ހުންނާނީ ދުރުކޮށް ކަމަށް ބުނުން ފަދަ ކިތަންމެ ސިފައެއް ލިޓްލް ދަނީ ކިޔައިދެމުންނެވެ.

ހޯލަންޑް ބުނި ގޮތުގައި ލިޓްލްގެ ޝިކާރައަކަށްވީ މީހުން ސިފަކޮށްދޭ ވަގުތުގަޔާ އެމީހުން މަރާލި ގޮތް ކިޔައިދެމުންދާއިރު ލިޓްލް ވަރަށް ގިނައިން އޭނާގެ މޫނުގައި ފިރުމައެވެ. ބެލެވޭ ގޮތުގައި މިއީ އެނާ އަދިވެސް އެ މަންޒަރުތައް ތަސްވީރުކުރާތީ ގެނެވޭ ހަރަކާތެކެވެ. އެދުވަހަކު ކިޔައިދޭނެ ވާހަކަ އޭނާ ހިއްސާކުރަނީ، އޭނާގެ ބޮލު ތެރޭގައި އެނބުރެމުންދާ މަންޒަރުތައް އަނބުރަމުން އަނބުރަމުން ގޮސް، ހުއްޓޭ ތަސްވީރަކަށް ބަލައިގެން ކަމަށް ހޯލަންޑް ގަބޫލުކުރެއެވެ.

ލިޓްލްއަކީ ކުރަންހަންވެސް ޝައުގުވެރިވާ މީހެކެވެ. ހޯލަންޑް އެ ފުރުސަތުގެ ބޭނުންވެސް ހިފިއެވެ. އެގޮތުން ހޯލަންޑްވަނީ ލިޓްލްގެ ޝިކާރައަކަށްވީ މީހުންގެ ތަސްވީރުތަކެއް އޭނާ ލައްވާ ކުރައްސާފައެވެ. މިތަސްވީރުތަކުގައިވެސް ކުދިކުދި ތަފްސީލުތަކަށް ލިޓްލް ސަމާލުކަން ދީފައިވެއެވެ. އެންމެ ހައިރާންވާކަމަކީ، މި ތަސްވީރުތަކަކީ އެ ޝިކާރައެއް ދޫކޮށް ދާ ވަގުތު ލިޓްލްގެ ބޮލަށް ނަގާ ރައްކާކުރާ ތަސްވީރަކަށް ވާ ކަމެވެ.

ލިޓްލް ހޯލަންޑަށް ވާހަކަ ކިޔައިދެނީ ކީއްވެ؟

ސިލްސިލާ ގާތިލު ސެމިއުލް ލިޓްލް ޝަރިޔަތަށް ހާޒިރުކުރަނީ/ފޮޓޯ: ޑެއިލީ ބީސްޓް

މީގެ ދޮޅު އަހަރުކުރިން ލިޓްލް ޖަލަށް ލެވުނީ 3 މީހެއްގެ މަރުގެ މައްސަލާގައެވެ. އޭރު އަނެއް 90 މަރުގެ ފަހަތުގައިވެސް ހުރީ ލިޓްލްކަމެއް އެއްވެސް ވަރަކަށް ނޭނގެއެވެ. އޭނާ މީހުން މަރަނީ ޖިންސީ ޝިކާރައަކަށް ހެދުމަށްފަހުގައި ކަމަށް ދެކެވޭ ހުރިހާ ވާހަކައެއް ލިޓްލް ދޮގުކުރެއެވެ. ހޯލަންޑްވެސް އެކަން ގަބޫލުކުރެއެވެ. އަދި އެކަމާ ޝައްކު ނުކުރާ ކަމަށްވެސް ހޯލަންޑް ބުނެއެވެ. ހޯލަންޑް ބުނި ގޮތުގައި ލިޓްލް ބޭނުންވަނީ އެންމެ ލަގަބަކެވެ. އެއީ "ގާތިލެއް"ގެ ލަގަބެވެ. އޭނާ މީހުން މަރަނީ ހަމަ މީހުން މެރުމުގެ ނަމުގައެވެ. އިތުރު ކަމެއް ފޮރުވަން، ނުވަތަ އިތުރު މަންފާއެއް ހާސިލުކުރުމަކަށް ނޫނެވެ.

ބައި ގަރުނަށްފަހު ހޯލަންޑަށް ލިޓްލް މި ވާހަކަތައް ކިޔައިދެނީ ހޯލަންޑް ގަބޫލުކުރާ ގޮތުގައި އޭނާއާއި ލިޓްލް ގަޔާވާތީއެވެ. ލިޓްލް ގަބޫލުކުރާ ގޮތުގައި އޭނާ ކުރި ކުއްތަކުގެ އަދަބު ނުހައްގުން ލިބޭ އެތައް ބަޔަކު މިއަދުވެސް ޖަލުތަކުގައި ތިބެދާނެއެވެ.

ލިޓްލްގެ އުމުރާ، އޭނާގެ ހާލަތަށް ބެލުމަށްފަހު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އޭނާގެ ހަނދާނުގައި ހުރި ހުރިހާއެއްޗެއް އޭނާ ލައްވާ ކުރައްސަމުންނެވެ. އެއީ އޭނާ ނެތް ދުވަހަކުންވެސް އެ މައްސަލަތައް ހައްލުކޮށް އިންސާފު ހޯދުމަށްޓަކައެވެ.