6 ދުވަހަށް ދިގު ދެމިގެން ގޮސްފައިވާ ސަރުކާރާ ދެކޮޅު ވަރުގަދަ މުޒާހަރާގެ ބައިވެރިންނަށް ސީދާ އަމާޒުކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހަމަލާ ދީފައި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިރާގުގެ ސަރުކާރުން އިންކާރުކޮށްފިއެވެ.

ޒުވާނުންނަށް ވަޒީފާ ނުލިބުމާ، ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ އިތުރުން އިންތިހާއަށް ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވުމުގެ ސަބަބުން އިރާގުގެ ސަރުކާރާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ފެށި މުޒާހަރާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ. މި މުޒާހަރާތަކާ ގުޅިގެން ޒަހަމްވީ މީހުންގެ އަދަދު 6000އަށްވުރެ މައްޗަށް އަރާކަމަށް ޚަބަރު ލިބެއެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާއާއި ގުޅިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ޢަލާ އަލް-މަރުޖާނީ

އިރާގު ސަރުކާރުން ބުނަމުންދަނީ މުޒާހަރާގެ ބައިވެރިން މަރުވަމުންދިއުމުގައި 'ނުބައި އަތެއް'ގެ ހިއްސާ އޮތް ކަމަށެވެ.

އިރާގުގެ ދާހިލީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 8 މެމްބަރަކުވެސް ހިމެނެއެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާގައި ޒަހަމްވީ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ/ފޮޓޯ: ޢަލީ ޢަބްދުލް ހައްސާން

އިރާގުގެ ބޮޑުވަޒީރު އާދިލު ޢަބްދުލް މަހްދީ ވަނީ، އިސްލާހީ ބަދަލުތަކެއް ގެންނަވާނެކަން ހާމަކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށްފަހު އިސްލާހީ އެޖެންޑާއެއް އެކުލަވާލާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މީގެ އިތުރުން، މުޒާހަރާއާއި ގުޅިގެން މަރުވެދިޔަ މީހުންނަށް އިރާގުގެ ސަރުކާރުންވަނީ ޝަހީދުންގެ ދަރަޖަ ދީފައެވެ. މިއާއެކު، އެ މީހުންގެ އާއިލާތަކަށް ހާއްސަ އިނާޔަތްތަކެއްވެސް ހަމަޖެހިގެންދާނެއެވެ.