އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ގއ. ވިލިނގިލިން ވެލި ނަގަމުންދާ ދެ މައްސަލައެއް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ގއ. ވިލިނގިލިން ގަވާއިދާއި ހިލާފަށް ވެލި ނަގަމުންދާ ކަމަށްބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

ފުލުހުން ބުނީ ވިލިނގިލީގައި ހުންނަ މުހައްމަދު ކަލޭފާނު މަގު ގޮނޑުދޮށުން ޖުމްލަ 61 ބަސްތާގެ ވެލި އިއްޔެ ނަގާފައިވާ މައްސަލައަކާއި އަދި މިއަދުވެސް ހަމަ ވިލިނގިލީ ކުނި ކޮއްޓާ ދިމާ ގޮނޑުދޮށުން 100 ބަސްތާ ވެލި ނެގުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގެދޮރު އިމާރާތް ކުރުމަށް ނުވަތަ ފަރުދީ އެހެން އެއްވެސް ބޭނުމަކަށް ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގާނޫނާއި އަދި ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގަވާއިދުގެ އިތުރުން ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅު ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީޕީއޭއިން ހުއްދަ ދީފައިވާ ތަންތަނުން ކަމަށެވެ.

އުސޫލުތަކާއި ހިލާފަށް ގަލާއި ވެއްޔާއި އަކިރި ނަގާ ފަރާތްތަކުގެ މައްސަލަ އީޕީއޭއާ ގުޅިގެން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ގަވާއިދާއި ހިލާފަށް ވެލި ނެގުމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުންދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ރުއް ކަނޑައިގެން އެހެން ތަންތަނަށް ރުކާއި ގަސް ފަދަ ތަކެތި ގެންދާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މިއަހަރުގެ ކުރީކޮޅު އާއްމުންގެ ހިޔާލުވެސް ހޯދާފައެވެ. އަދި އެކަމުގައި ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.