އިރާގުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މީހުންގެ ފުރާނަ ގެއްލިދާ ފަދަ ގޮތަކަށް ހިންގަމުންދާ އަމަލުތައް ހުއްޓުމަކަށް ގެނައުމަށް އދއިން ގޮވާލައިފިއެވެ.

ހިދުމަތުގެ ފެންވަރު ދަށްވުމާ، ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން މީގެ ހަފުތާއެއްހާ ދުވަސްކުރިން އިރާގުގައި ފެށި މުޒާހަރާތަކާ ގުޅިގެން ހިންގަމުންދާ އެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ އަދަދު 100 އާއި ގާތް ކުރެއެވެ.

ޔޫއެން އެސިސްޓަންސް މިޝަން ފޯ އިރާގުގެ އިސްވެރިޔާ ޖެނީން ހެނީސް-ޕްލަސަޗާޓް ވިދާޅުވީ، މުޒާހަރާތަކާ ގުޅިގެން ފުރާނަ ގެއްލި ދިޔަ މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭކަމަށެވެ.

ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކަށް އަދިވެސް ހުއްޓުމެއް އައިސްފައި ނުވާއިރު، ސަލާމަތީ ބާރުތަކުންވަނީ ހޮނިހިރު ދުވަހު ވެރިރަށް ބަގުދާދުގެ އިރުމަތީގައި ކުރިޔަށްދިޔަ ބޮޑު އެއްވުންވެސް ރޫޅާލާފައެވެ.

އިރާގުގެ ސަލާމަތީ ބާރުތަކުން މުޒާހަރާއާއި ރެލީތައް ރޫޅާލަމުންދަނީ ބާރުގެ ބޭނުންކޮށްގެންނެވެ. އެގޮތުން ލައިވް ވަޒަނާ ކަރުނަ ގޭސް ބޭނުންކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ފެށި މުޒާހަރާތަކުގައި މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައްވެސް ލިބިފައެވެ.

މިއީ އިރާގުގައި ހަރަކާތްތެރިވަމުންދިޔަ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތް ބަލިކޮށްލެވިއްޖެކަމަށް 2017 ވަނަ އަހަރު އިރާގުން އިއުލާންކުރި ފަހުން އެގައުމުގައި ކުރިއަށްދާ އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކެވެ. ހަމަ އެހެންމެ، މިއީ މީގެ އަހަރެއްހާ ދުވަސްކުރިން އިރާގުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު އާދިލު ޢަބްދުލް މަހްދީގެ ނާޒުކު ސަރުކާރަށް ކުރިމަތިވި މިފަދަ ފުރަތަމަ ގޮންޖެހުންވެސްމެއެވެ.