ސަރުކާރާ ދެކޮޅަށް އިރާގުގައި ކުރިއަށް ގެންދާ ވަރުގަދަ މުޒާހަރާތަކުގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ހިންގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް އަރައިފިއެވެ.

މީގެ ހަތަރު ފަސްދުވަހެއް ކުރިން ފެށި މުޒާހާރާތަކުގައި މަރުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެފައިވަނީ އެންމެ 24 ގަޑިއިރުގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ.

އިރާގުގެ އަސްކަރިއްޔާއިން ބުނީ، ކޮން ބައެއްކަން ނޭނގޭ ސްނައިޕަރުންތަކެއް ދިން ހަމަލާތަކެއްގައި 4 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށާ، އޭގެ ތެރޭގައި ފުލުހުންގެ 2 އޮފިސަރަކުވެސް ހިމެނޭ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ވަރުގަދަ މުޒާހަރާތަކެއް އިރާގުގައި ފެށީ، ޒުވާނުންގެ މެދުގައި ވަޒީފާ ނުލިބުމުގެ މައްސަލަ ބޮޑުވުމުގެ އިތުރުން ހިދުމަތްތަކުގެ ފެންވަރު ދަށްވުމާ، ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އޮތުމުގެ ސަބަބުންނެވެ.

ކަންމިހެން އޮތްއިރު ބޮޑުވަޒީރު އާދިލު ޢަބްދުލް މަހުދީ ވަނީ، މުޒާހަރާގެ ބައިވެރިން ކުރަމުންދާ "ގާނޫނީ ހައިސިއްޔަތު ލިބިފައިވާ" ޑިމާންޑްތައް އަޑުއިވިވަޑައިގެންފިކަމަށް ވިދާޅުވެ، މުޒާހަރާތަށް ހަމައަކަށް އެޅުވުމަށް ގޮވާލައްވާފައެވެ.

ހުރިހާ ރައްޔިތުންވެސް ކެތްތެރިކަން އިހުތިޔާރުކުރުމަށް ބޮޑުވަޒީރު ގޮވާލައްވާ، އިރާގުގައި ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް މުޒާހަރާތަކުގެ ވިންދަށް ކުޑަ ނަމަވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ.