ސަރުކާރުން ބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓްތަކުގެ މަތީ މަގާމުތަކުން ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުންކަމަށް، ރައީސް ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2019 ފާހަގަކުރުމަށް މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާއިން މިއަހަރަށް ކަނޑައެޅި ޝިޢާރުކަމުގައިވާ "ފަތުރުވެރިކަމާއި ވަޒީފާ: އެންމެންނަށް ބާއްޖަވެރި ކުރިމަގެއް" މި ޝިޔާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މި ޝިއާރުންވެސް ފަތުރުވެރިކަމުގެ މަންފާ ވީހާ ގިނަ ބަޔަކަށް ލިބޭނެ ގޮތަށް ކަންކަން ރޭވުމުގެ މުހިންމުކަން އެނގިގެންދާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން، އާންމު ދިރިއުޅުމާއި، ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މި ޝިއާރުން ހާމަކޮށްދޭކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިސަރުކާރު އުފެދުނު ފަހުން މިއަދާ ހަމައަށް، ފަތުވެރިކަމުގެ ދާއިރާއަށް ގެނެވުނު ބައެއް ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާތަނަށް މުޅިން އާ 19 ރިސޯޓާއި 1 ޔޮޓް މެރީނާ ހުޅުވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ އެނދުގެ އަދަދަށް ބަލާނަމަ، 4127 އެނދުކަމަށާއި އެއީ ގާތްގަނޑަކަށް 10000 ވަޒީފާކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މައިގަނޑު ސަބަބަކީ، ސިޔާސީ ގޮތުން ރާއްޖެއަށް ލިބުނު ހަމަޖެހުމާއި އެއާ ގުޅިގެން ދިވެހި ފަތުރުވެރިކަމާ މެދު އިންވެސްޓަރުންނަށް ލިބުނު އިތުބާރާއި ޔަގީންކަމުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން ފައިނަލްކުރުމުގެ މަސައްކަތްތައް ޓުއަރިޒަމް މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެ ޕްލޭނުގެ މަސައްކަތް ނިމުމުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކުރެވިގެންދާނެ ގޮތްތައް ކަނޑައެޅިގެން ދާނެކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ އެންމެ ދަށް އުޖޫރަ އަންނަ އަހަރުގެ ތެރޭގައި ކަނޑައަޅައި އެކަން ތަންފީޒުކުރެވިގެން ދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު، އުޖާލާކޮށް ފެނުނު ނަމަވެސް މި ސިނާއަތު އިތުރަށް ތަރައްގީކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށީގެ މައްސަލަތައް އެއީ އޭގެ އެއްބައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު، ތިމާވެށީގެ ހިމާޔަތަށް ދެފިޔަވަޅު އަޅަން މަޖުބޫރުވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލާ ދުނިޔޭގެ އިގްތިސާދީ ހަރަކާތްތަކަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރުވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރުމުގެ ފުރުސަތު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިކަމުގައިވާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންނުކުރާ ގައުމަކަށް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ހެދުމުގެ ލަނޑުދަނޑީގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުމަށް މިރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ މި ޖާފަތަކީ މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން ޓުއަރިޒަމް މިނިސްޓްރީން ކުރިޔަށްގެންދަވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތެވެ.