އުރީދޫ ކަލާ ރަން މިފަހަރު ހުޅުމާލޭގައި ބޭއްވުމަށް އުރީދޫއިން ނިންމައިފި އެވެ.

އުރީދޫއިން ބުނީ ކަލާ ރަން މިފަހަރު ކުލަގަދަކޮށް ބާއްވަން ނިންމާފައިވަނީ ހުޅުމާލޭގައި މިއަންނަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫ ކަލާ ރަންގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައެވެ. އެގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވާކޮށްދޭނެކަމަށް އުރީދޫއިން ބުނެއެވެ. އަހަރުން އަހަރަށް ބައިވެރިން ގިނަވެ، ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވާ ދުވުމުގެ އިތުރުން، އެދުވަހުގެ ހެނދުނު ގުޑި މަހާސަމާއެއް، އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯ އެއްވެސް ބޭއްވިގެންދާނެއެވެ.

އުރީދޫއިން ބުނީ ކަލާ ރަން އަށް ރަޖިސްޓަރ ކުރުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑުކޮށް، ލޮގް އިން ކުރަށްވާ، ރާއްޖޭގެ ކޮންމެ ނެޓްވާކެއްގެ ނަމްބަރެއް ބޭނުންކޮށްގެންވެސް މި އެޕަށް ލޮގިން ކުރެވޭނެ ކަމަށެވެ. އަދި "ޝޮޕް ނައު" އަށް ފިއްތާ، ބޭނުންވެލައްވާ އުރީދޫ ކަލާ ރަން ކިޓް، އަދި ސައިޒް ޗާޓާއި އެއްގޮތުގެ މަތިން ޓީޝާޓް ސައިޒު ޙިޔާރުކުރެއްވުމަށް ފަހު، 'ބައި ނައު' އަށް ފިއްތާ، މޫލީގެ ކާޓް ހިޔާރުކުރެއްވުމަށް ފަހު، ޗެކް އައުޓް ކުރައްވާ، ކާމިޔާބުކަމާއި އެކު ރަޖިސްޓަރ ވުމާއިއެކު، އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ މައުލޫމާތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ މި ކަލާރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލާރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލާރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓާޓެއިނިންގް ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެެވެ.

އުރީދޫ ކަލަރ ރަން ދުވަހުގެ ތަފާތު ހަރަކާތްތަކާއި، ޕާޓްނަރުންގެ ތަފްސީލުތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހިއްސާކުރެވޭނެއެވެ. ކުރީގެ އަހަރުތަކާއި އެއްފަދައިން، އުރީދޫ ކަލަރ ރަންގެ އިވެންޓް ޕާޓްނަރ އަކީ ޔުނިކްސް ސްޕޯޓިންގް އެވެ.

ފާއިތުވެދިޔަ ޖޫން މަހު އައްޑޫގައި އުރީދޫ ކަލަރ ރަން އެއް ބޭއްވިފައިވާއިރު، މިއީ މިއަހަރު ބޭއްވޭ ދެވަނަ އުރީދޫ ކަލަރ ރަން އެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، މި ދުވުމުގައި ބައިވެރިވުމަށް، އުރީދޫ އިން ދައުވަތު އަރުވަމެވެ.

އުރީދޫ ކަލަރ ރަން އަދި ރަޖިސްޓްރޭޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖުތަކަށް ޒިޔާރަތްކުރައްވާށެވެ.