އިސްލާމްދީނަށާއި މާތް ނަބިއްޔާއަށް ބަދުބަސް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އެމަނިކުފާނު ވެސް އަދި ދިވެހި އެއްވެސް އެހެން ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ބައެއް ފަރާތްތަކަށް އިސްލާމްދީނަށް ޖޯކު ޖަހާ ފުރައްސާރަ ކުރުމަކީ މާ މޮޅު އަދި "ކޫލް" ކަމެއް ކަމަށްވެސް މަހްލޫފުގެ ޓްވީޓްގައި ވިދާޅުވިއެވެ.

"އެކަމަކު އެއްވެސް ކޫލެއްވެސް ނޫން. ސަޅިއެއްވެސް ނޫން،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިފަދައިން ވިދާޅުވިއިރު އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި ހުރި ކަންކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އަންނަނީ އެ ޖަމިއްޔާ އުވާލަން ގޮވާލަމުންނެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ އެކަން ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

މަހްލޫފުގެ ޓްވީޓުގައި އެމްޑީއެންގެ ނަމެއް ވަކިން ލިޔުއްވާފައެއް ނުވެއެވެ. އަދި އެމްޑީއެން އުވާލަން ސޯޝަލް މީޑިއާގައި ގެންގުޅޭ ޓެގުވެސް ލިޔުއްވާފައި ނުވެއެވެ. އެހެންނަމަވެސް މަހްލޫފް ކުރެއްވި ވަރަށް ޓްވީޓެއް ކޮށްލެއްވި އެހެން އެއްވެސް ވަޒީރަކު އަދިއެއް ނެތެވެ.

އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.