އއ.ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ އއ. ތޮއްޑޫގައި މާރާމާރީއެއް ހިނގާ އުމުރުން 26 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ފުލުހުންނަށް ތޮއްޑޫއަށް ދިއުމަށް ދަތިތަތަކާ ކުރިމަތިވި ކަމަށެވެ. އެހެންކަމުން ތޮއްޑޫއަށް ފުލުހުންނަށް ދެވުނީ މިއަދު ހެނދުނު 11:00ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި މީހާއށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެކިވަރުގެ އަނިޔާތައް އޭނާއަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް ތޮއްޑޫގައި މިހާރު ހަރަކާތްތެރި ވަމުން އަންނައިރު އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.