އައްޑޫ ސިޓީ ހުޅުދޫ، އުމުރުން 33 އަހަރުގެ އަހުމަދު ފިރާޒުގެ ކިޑްނީ، ހިލޭ ދޭ ވާހަކަ ބުނީމައި، އޭނާގެ ފޯނަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބިޒީ ފޯނޭ ދެންނެވިދާނެއެވެ. އޭނާ ހިލޭ ކިޑްނީ ދޭ ވާހަކަ ބުނާތީ 'ދަޕްރެސް' އިން އޭނާއަށް ގުޅާލީމެވެ. އޭނާ ކުރަން އުޅެނީ ކީއްތޯއާއި ހަމަ ހަގީގަތުގައިވެސް 'ހިލޭ' ކިޑްނީ ދެނީތޯ ޔަގީން ކުރުމަށެވެ.

އަދި ވަކިން އެކަން ޔަގީން ކުރަން ބޭނުންވި އަނެއް ސަބަބަކީ، އޭނާ ހިލޭ ކިޑްނީ ދޭ ހަބަރު 'ދަޕްރެސް' ގައި ޝާއިއު ކުރުމާ ގުޅިގެން ގުޅި ބައެއް މީހުން، އޭނާ އެކަން ކުރަން އުޅެނީ ފައިސާ ހޯދުމަށް ކަމަށާއި އޭނާ ދޮގު ހަދާކަމަށް ޝައްކު ކުރެވޭ ކަމުގައި ބުނެފައި ވާތީއެވެ.

"އަހަރެން އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދާކަށް ނޫޅެން، ނުވެސް ބުނަން، ބޭނުމެއްވެސް ނޫން" ފިރާޒު ބުންޏެވެ.

އޭނާ ބުނީ ކިޑްނީ ދޭ ވާހަކަ ޖެހުމާ ގުޅިގެން އެތައް ބަޔަކު ގުޅި ކަމަށާއި އޭގެތެރެއިން 3 މީހަކު ކިޑްނީ ބޭނުންވާހަކަ "ސީރިއަސް' ކޮށް ދެއްކި ކަމަށެވެ. އަދި އެމީހުންނާ ވަރަށް ދިގުކޮށް ވާހަކަ ދެއްކި ކަމަށާ، އޭގެ ތެރެއިން އެކަކު ގާތުގައި، އެމީހާ ކުރި ސުވާލުތަކަށް ޖަވާބު ދެމުން، އޭނާގެ ފޯނުގައި ޑޭޓާ ހުސްވެފައި ހުރުމުން ވާން އޮތިއްޔާ ޓްރާންސްފާއެއް ކޮށްދިނުމަށް އެދުނު ކަމަށެވެ.

"އޭނާ ވަރަށް ގާތްކޮށް ވާހަކަ ދެއްކީ، ދެން އަހަރެން ކިޑްނީ އާ ގުޅޭ ކަންކަން ބަލަން، ޔޫޓިއުބާ އެއްޗެހިން، ދެން ޑޭޓާވެސް ހުސްވާނެތާ، އޭނާ ވާހަކަ ދައްކަމުން އެހީ ޑޭޓާއެއްޗެހީގެ ވާހަކަ، ބުނީމަ އަހަރެން ބުނިން، ޑޭޓާ ހުސްވެފައޭ، ވާން އޮތިއްޔާ ޑޭޓާއަށް ޓާރާންފާއެއް ކޮށްލަ ދިނިއްޔާ ރަނގަޅޭ" ފިރާޒު މީހުން އަތުން ލާރި ނަގާ ކަމަށް ދެކެވޭ ވާހަކައަށް އޭނާ ޖަވާބު ދިނެވެ.

އޭނާ އިތުރަށް ބުނީ، ކިޑްނީ ހަދިޔާ ކުރަން ނިންމީ ބޮޑު ލާރިއެއްގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ﷲ ގެ މަގުގައި ކުރާ ކަމެއް ކަމަށެވެ. "އަހަރެން މިހާރު ވަޒީފާއެއްގަ ނޫޅޭތާ 2 މަސް ވަރު ވެދާނެ، އެކަމަކު ކައިގެން ބޮއެގެން މިއުޅެނީ، މައިންބަފައިން ހެޔޮހާލުގައި އެބަ ތިބި، މިކަމަކަށް ބޮޑު ލާރިއެއްވެސް މީހެއްގެ އަތުން ބޭނުމެއް ނޫން" އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ކިޑްނީގެ ބަދަލުގައި ލާރި ވާހަކަ އޭނާ ދައްކާ ކަމަށް ބައެއް މީހުން ވާހަކަ ދައްކާކަން އޭނާއަށްވެސް އެނގިފައި ވާ ކަމަށާއި އެވާހަކަ އެހެން ދައްކާ މީހާ އެ ދައްކަނީ މުޅިން ރަނގަޅަށް ނޫން ކަމަށެވެ.

"އޭނާ ސުވާލު ކުރީމައި އަހަރެން ބުނިން ސިނގިރޭޓްވެސް ބުއި ވާހަކަ، އެއީ ކުރިން" ފިރާޒު އިތުރަށް ބުންޏެވެ.

"ދެން އަހަރެން އިތުރަށް ބުނިން، ކިޑްނީ ހަދިޔާ ކުރުމަށް ފަހު ދިމާވާ ކޮމްޕްލިކޭޝަންސްގައި އެހީވެދޭން ވާނެ ކަމަށް، އެއީ އަހަރެން ވާހަކަ ދެއްކި ބައެއް މީހުންނާއި އިންޓަނެޓުން އެނގުނު، ކިޑްނީ ނެގީމައި ބައެއް ކަހަލަ ކުދިކުދި ކޮމްޕްލިކޭޝަން ބައެއް ފަހަރު ދިމާވާކަން، އެފަދަ ކަމެއް އެހެން ދިމާވެއްޖެއްޔާ، އަހަރެން ކިޑްނީ ހަދިޔާ ކުރާ މީހަކު އަހަންނަށް އަޅާލުން އަހަރެންގެ ޕޮއިންޓަކަށް ވީ، މި ދައްކަނީ ކިޑްނީއެއް ދޭ ވާހަކަ، ކުޑަކަމެއް ނޫނެއްނު މީ، ދެން އެވަރު ކަމެއް ކޮށްދޭ އިރު ދިމާވާ ކަމަކަށް އެމީހަކު އެހީތެރިވާން ވާނެ ދޯ" ފިރާޒު ތަފްސީލު ދެމުން ބުންޏެވެ.

ފިރާޒު ބުނީ، އޭނާ ކިޑްނީ ހަދިޔާ ކުރާކަން އިއުލާނު ކުރީ އޭނާގެ މައިންބަފައިންނަށްވެސް ނޭނގި ކަމަށެވެ. އަދި އިއުލާނު ކުރުމާ ގުޅިގެން ކޮއްކޮއާއި ބޭބެވެސް ގުޅި ކަމަށާ އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ކަމަށެވެ.

"ކޮއްކޮ އަކީ ސީނިއާ ނަރުހެއް، ގުޅާފަ ބުނި ހަމަ ތިކަން ކުރަންހޭ ތިއުޅެނީ، ދެން ކޮއްކޮވެސް ދެކޮޅެއް ނަހަދާ، ބޭބެވެސް ގުޅި، ގުޅާފަ ބޭބެ ބުނި އިތުރަށް ވާހަކަ ދައްކަން ބޭނުން ވާހަކަ، މަންމަމެނަކާ އަދި މަޝްވަރާއެއް ނުކުރަން" ފިރާޒު ބުންޏެވެ. އޭނާ ބުނީ އެވަރު ބޮޑު ކަމެއް ކުރާ އިރު މައިންބަފައިންނާވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އާއިލާގެ މެންބަރުންނާވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

ފިރާޒު ބުނީ އޭނާގެ ކިޑްނީ ހަދިޔާ ކުރުމާ ބެހޭ ގޮތުން އޭނާގެ 'ގާލްފްރެންޑް' ވެސް ވަރަށް 'ހެޕީ' ކަމަށެވެ.

"ގާލްފްރެންޑް ބުނި އޯކޭއޭ، ފަހުރުވެރި ވަމޭ ފިރާޒުއަށް"
ފިރާޒު

ފިރާޒުގެ ނިންމުމަށް، އޭނާ ރައްޓެހިވެގެން އުޅޭ މީހާ ދިން ޖަވާބަކީ އެއީ ކަމަށް ބުންޏެވެ. އަދި އިތުރަށް ބުނީ، ދެމީހުން ރައްޓެހިވެގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ ކަމަށާ، ދެމީހުންގެ ދެމެދުގައި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އަހަރެންގެ 3 ފްރެންޑަކުވެސް އެބަތިބި ކިޑްނީ ހަދިޔާ ކޮށްފައި، އެމީހުންވެސް ހަމަ ނޯމަލް، އެހެންވީމައި ހިތައް އެރީ ހަބަރުތަކުން މީހުން އުޅޭ ހާލު ފެނިފައި 1 ކިޑްނީ ހަދިޔާ ކުރިޔަސް މަށަށްވެސް އުޅެވޭނޭ، އެހެންވެ ނިންމި ނިންމުމެއް އެއީ" ކިޑްނީ ހަދިޔާ ކުރުމަށް ނިންމި ގޮތް ފިރާޒު ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އޭނާ އަކީ ވަރަށް ގިނަ ރިސޯޓުތަކުގައި ރެސްޓޯރަންޓާއި ފްރަންޓްއޮފީހުގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެހެން ރިސޯޓަކުން ވަޒީފާ ހަމަޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.

"މިހާރު ފޯން އިންޓަވިއުވެސް ނިމިފައި އޮތީ، ސީވީއާ އެއްޗެހި ގެންގޮސް، ހީވަނީ ކުރިއަށް އޮތް 2-3 ދުވަސްތެރޭގައި ހަމަޖެހޭނެ ހެން" ފިރާޒު ބުންޏެވެ.

ފިރާޒު ކިޑްނީ ހަދިޔާ ކުރަން ފޭސްބްކްގައި ޖެހުމާއެކު ގިނަ އަދަދެއްގެ ބަޔަކު ދިޔައީ އޭނާއަށް ގުޅަމުންނެވެ. އޭނާ ބުނީ އެ ޕޯސްޓް ޖެހުމާއެކު، މީހުން ގުޅާ ވަރުން އޭނާގެ ފޯނު ބާއްވާލާނެ ވަގުތު ނުލިބޭ ކަމަށާ ޗާޖު ހުސްވެ 3،4 ބުރަށް ޗާޖު ކުރަން ޖެހޭ ކަމަށެވެ. އެހެން ވުމާއެކު ގިނައިން ފޯނު ބާއްވަން ޖެހެނީ ޗާޖަށް ޖަހާފައި ކަމަށްވެސް އޭނާ ބުނެއެވެ.

ފިރާޒު އިތުރަށް ބުނީ، ކިޑްނީ ދޭ ވާހަކަ އާއެކު، ގުޅާ މީހުންގެ އަދަދުގެ ގިނަ ކަން އެނގުމުން ހައިރާން ވި ކަމަށެވެ.

"ހިތައް އެރި ހާދަ ހާލެއްގައޭ މީހުން އެއުޅެނީ" އިންޓަވިއު ނިންމާލަމުން އޭނާ ބުންޏެވެ.