ބަލާބެލުމަށް އެއީ ހަގީގަތް ކަމަށް ހީވާ ދޮގު ޚަބަރުތަކެއް ވަޓްސްއެޕް މެދުވެރިކޮށް ދައުރުވަމުންދާކަމަށް އިންޑިއާގެ ކުރީގެ އަސްކަރީ އޮފިޝަލެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް އަރޫން ކުމާރު ސާހްނީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޗެންނާއީގައި އިންޖިނޭރުކަން ކިޔަވަމުންދާ ދަރިވަރުންތަކަކާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ސާހްނީ ވިދާޅުވީ، ޚަބަރުތައް ފަތުރަމުންދަނީ ޕާކިސްތާނުގެ ގުރޫޕުތަކަކުން ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސާހްނީ ވަނީ، ލިބޭ މެސެޖުތަކަކީ ސައްހަ މެސެޖުތަކެއްކަން ކަށަވަރުކުރުމަށްފަހުގައި ނޫނީ ދައުރު ނުކުރުމަށް ގޮވާލައްވާފައެވެ. ދޮގު މައުލޫމާތު ފަތުރަމުންދާ ގުރޫޕުތައް ބްލޮކް ކުރިނަމަވެސް އިތުރު ކުރިތައް ފަޅައިގެން އެފަދަ މައުލޫމާތު ދައުރުކުރަމުންދާ ދިއުމަށް ހުއްޓުމެއް ނާންނަކަން ދޭހަވާފަދަ މޭރުމަކުން ސާހްނީ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސާހްނީ ވިދާޅުވީ، މުސްތަގުބަލުގެ އަސްކަރީ އޮފިޝަލުންނަކީ ހަމައެކަނި ޔުނީފޯމުގައި ތިބޭނެ ބައެއް ނޫންކަމަށާ، އެމީހުންނަކީ ސައިބާ ސްޕޭސްގައިވެސް ފާރަވެރިވާނެ ބައެއްކަމަށެވެ. މިޒަމާނަކީ އިންޓެނެޓްގެ ޒަމާންކަމަށާ ވަރުގަދަ ހަމަލާއެއް ދިނުމަށްވެސް ނަގާނީ ކުޑަ ވަގުތުކޮޅެއްކަން ސާހްނީ ވަނީ ފާހަގަކުރައްވާފައެވެ.

އިންޓަނެޓް މެދުވެރިކޮށް އިންޑިއާގައި ދޭ ހަމަލާތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 5000 މީހުން މި ކުށުގައި ހައްޔަރުކުރެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ކިޔަވާ ދަރިވަރުންކަންވެސް އިންޑިއާގެ ކުރީގެ އަސްކަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.