ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓްގެ ދަށުވެ، ބިދޭސީއަކު މަރުވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ރޭ އިރާކޮޅު 6:20 ހާއިރު ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތަށް ތަރައްގީ ކުރަމުންދާ ނ. ދިގުރަށުގައި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރާ 25 އަހަރުގެ ބިދޭސީ ފިރިހެނެއް ބޮޑެތި އަނިޔާތަކެއް ލިބިގެން ނ. މަނަދޫ ހޮސްޕިޓަލަށް ގެންގޮސްގެން ރިޕޯޓު ކުރި ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ މީހާއަށް އަނިޔާވެފައި ވަނީ އެ ރިސޯޓުގައު މަސައްކަތް ކުރަމުން ދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓް ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި ވާ ކަމަށް މަނަދޫ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ތެރޭގައި ހިނގާ މިފަދަ ހާދިސާތަކަށް ބަލާއިރު، މިދިޔަ ޖުލައި މަހު ވެސް ވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. އެގޮތުން، ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ބައިވަރު ސިމިންތި ބަސްތާތައް އަޅާފައި ހުރި ބޮޑު ޖަމްބޯ ބޭގެއް ވެއްޓި، ބިދޭސީއަކު މަރުވިއެވެ.

އެ ހާދިސާގައި މަރުވި މީހާ މަރުވީ، ޖަމްބޯ ބޭގުތަކެއްގެ ތެރެއިން އެންމެ މަތީގައި އޮތް ބޭގުން ސިމިންތި ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި، އެ ބޭގުގެ ތެރޭގައި ހުރި ސިމިންތި ބަސްތާތަކާއެކު އެ ބޭގު އޭނާގެ ބޮލަށް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާއިންނެވެ. އެ ހާދިސާގައި މަރުވީ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.