ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ވެރިކަމާ ދެކޮޅަށް ސައުދީގެ އިސް ވިޔަފާރިވެރިންނާ ޝާހީ އާއިލާގެ ބައެއް މެމްބަރުން ފާޑުވިދާޅުވެއްޖެއެވެ.

ސައުދީގެ އިސް ވިޔަފާރިވެރިންނާ ޝާހީ އާއިލާގެ ބައެއް މެމްބަރުން އެމްބީއެސްއަށް ފާޑުވިދާޅުވަމުންދަނީ، ސައުދީ އަރަބިއްޔާގެ ދައުލަތުން ހިންގާ ތެލުގެ ބޮޑެތި ކާރުހާނާތަކަކަށް ދާދިފަހުން އަމާޒުވި ހަމަލާތަކާ ގުޅިގެންނެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ ގައުމުގެ ލީޑާޝިޕްގައި އެމްބީއެސްއަށް ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމާ މެދުގައްޔާ، ސައުދީ އަރަބިއްޔާ ދިފާއު ކުރެއްވުމުގެ ގޮތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެއްވިދާނެ ކަމާ މެދު އެފަރާތްތަކުން ދަނީ ސުވާލު އުފައްދަވަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސައުދީގެ އިސް ވިޔަފާރިވެރިންނާ ޝާހީ އާއިލާގެ ބައެއް މެމްބަރުން މިފަދަ ވާހަކަތަކެއް ހިއްސާކުރައްވާފައިވަނީ މީޑިއާގައި ނަން ހާމަނުކުރުމަށް ޝަރުތުކުރެއްވުމަށްފަހުގައެވެ.

މީގެ ތެރެއިން ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، އީރާނާ ދެކޮޅަށް އެމްބީއެސް ފައްޓަވާފައިވަނީ ހާލަތާ އެކަށީގެން ނުވާ ވަރުގެ ނަފްރަތުގެ އޮއެވަރެކެވެ. އަދި ވަލީއަހުދެއްގެ ހައިސިއްޔަތުން އެމްބީއެސްއަށް އޮތް އިތުރުބާރު ގެއްލިފައިވާކަމަށް ބައެއް މެމްބަރުން ވިދާޅުވާކަމަށްވެސް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް، ސައުދީގެ ސަލްމާން ރަސްގެފާނު ދުނިޔޭގައި ހުންނެވިހާ ދުވަހަކު އެމްބީއެސްއަށް ނުރައްކަލެއް ނެތްކަމަށްވެސް މި ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެމެރިކާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ސީބީއެސްއިން އާދީއްތަ ދުވަހު އާންމުކުރި އެމްބީއެސްގެ ބަސްދީގަތުމެއްގައި އޭނާވަނީ، ސައުދީ އަރަބިއްޔާ ދިފާއު ކުރުމަކީ ދަތިކަމެއްކަމަށް ވިދާޅުވެފައެވެ. އެހެނީ ސައުދީގެ ބޮޑުކަމާ، ކުރިމަތިވާ ނުރައްކާތަކުގެ ބޮޑު މިނަށް ބަލާ، މިއީ ކުރައްވަން ދަތިފުޅުވާނެ ކަމެއްކަން ދޭހަވާފަދަ މޭރުމަކުން އެމްބީއެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އީރާނުގެ މައްސަލައިގެ އިތުރުން ޔަމަނުގައި ސައުދީއިން ކުރަމުންދާ ހަނގުރާމައަކީ ސައުދީއަށް ހަމަލާ އަމާޒުވާ އެންމެ ބޮޑެތި ސަބަބުތައް ކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.

ނަސްލު ދެމިގެންދާ ގޮތުން ސައުދީގެ ވަލީއަހުދު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ބިން ނާއިފު އެ މަގާމުން ދުރުކުރެއްވުމަށްފަހު ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު ކަމުގެ މަގާމާ އެމްބީއެސް ހަވާލުވެވަޑައިގަތީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ.