ތެޔޮ ބައުޒަރުތައް ޕާކް ކުރުމާއި، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ އުސޫލު ހަރުދަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ބޭނުން ކުރާ ތެޔޮ ބައުޒަރުތައް ވަގުތީ ގޮތުން، ޕާކް ކޮށްފައި ބޭއްވޭނެ އިންތިޒާމެއް މާލޭ ދެކުނުން ހިިއްކާފައިވާ ސަރަހައްދުން ބައެއްގައި ކަނޑައަޅާފަިއވާއިރު، އެކަން އެގިތަށް ކުރުމުގައި ވަކި އުސޫލުތަކެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

ތެޔޮ ބައުޒަރުތައް މާލެތެރޭގައި ދުއްވުމާއި، މިހާރު ބޭނުން ކުރަމުންދާ ގޮތަށް އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ދާއިމީ ގޮތެއްގައި މި ހިދުމަތް ދިނުމަށް އަމާޒު ކުރެވިފައިވަނީ، ތިލަފުށި ނުވަތަ އަލަށް ތަރައްގީ ކުރެވޭ ގުޅީފަޅުން ސަރަހައްދެއްގައި ކަމަށާއި، ތެޔޮ ބައުޒަރުތައް ޕާކް ކޮށްފައި ބޭއްވޭނެ އިންތިޒާމެއް މާލޭ ދެކުނުން ހިިއްކާފައިވާ ސަރަހައްދުން ބައެއްގައި ކަނޑައަޅާފައި ވަނީ ތިލަފުށި ބްރިޖް ލިންކާއި އެކު ގުޅީފަޅު ތަރައްގީ ކުރެވެންދެން ވަގުތީ ގޮތަކަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރިން ވަނީ މާލޭ ދެކުނު ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާކް ކުރުމާއި، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އަމަލު ކުރަންވީ ގޮތް، ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާ ކުރުމަށް ފަހު ނިންމާފައެވެ.

ތެޔޮ ބައުޒަރުތައް ޕާކް ކުރުމާއި، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އަމަލު ކުރަންވީ ގޮތް:

  • ތެޔޮ ބައުޒަރުތައް ޕާކް ކުރުމަށް ކަނޑައަޅާފައުވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް ޕާކްކޮށްފައި ނުބޭއްވުން.
  • އުޅަނދުފަހަރަށް ތެޔޮ އެޅުމަށްޓަކާއި، ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ބަނދަރު ތޮއްޓާޢި ކައިރިކޮށް ތެލުގެ ހިދުމަތް ދިނުން، އަދި ހިދުމަތް ދިނުމަށްފަހު، ޕާކް ކުރުމަށް ކަނޑައެޅިފައިވަ ސަރަހައްދަށް އެނބުރި ދިއުންމ އެއްވެސް ހާލަތެއްގައި ބަނދަރު ތޮށި ކައިރީގައި ތެޔޮ ބައުޒަރު ޕާކް ކޮށްފައި ނުބޭއްވުން.
  • ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އަލިފާން ނިއްވާ ނިޒާމު ގާއިމް ކުރުން
  • ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހއްދުގެ ސަލާމަތީ ކަންތައްތައް މޮނިޓާ ކުރުމް އެމްއެންޑީއެފުން ކުރިއަށް ގެންދިއުން
  • އެ ސަރަހައްދުގައި، ހިދުމަތް ދިނުމުގެ ކަންތައް ކުރިއަށްދާ ގޮތް މޮނިޓާކޮށް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ގުޅިގެން ފުލުހުން ކުރިއާށް ގެންދިއުން
  • މިހާރު މާލެއަށް އެތެރެކޮށް ބޭނުންކުރަމުްނދާ ތެޔޮ ބައުޒަރު ތަކަކީ އެމްއެންޑީއެފްގެ ގައިޑްލައިނާ އެއްގޮތަށް ހުރި ބައުޒަރުތައްތޯ ބެލުމަށްފަހު، އެ މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލް ކުރުން
  • ޓްރާންސްޕޯޓް މިނިސްޓްރީން، އެ މިނިސްޓްރީގެ ދަފްތަރުގައި ތެޔޮ ބައުޒަރުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ބައުޒަރުތަކުގެ އިތުރުން އަލަށް ބައުޒަރު ރަޖިސްޓްރީ ނުކޮށްދިނުން.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ބުނީ، މާލޭގެ އެކި ސަރަހައްދުތަކުގައާއި އަދި ހާއްސަ ގޮތެއްގައި އުތުރު ހާބަރު އަދި ދެކުނު ހާބަރު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާކުކޮށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން ގެންދަނީ އެއްވެސް ވަރަކަށް ރެގިއުލޭޓް ކުރެވިގެން ނޫން ކަމަށެވެ. އަދި ދާދިި ފަހުން އަލިފަނުގެ ހާދިސާއެއް އެ ސަރަހައްދުގައި ހިނގާފައިވަނީ ވެސް އެ ސަރަހައްދުގައި ބައުޒަރުތައް ޕާކުކޮށް ތެޔޮ ޓޭންކްތަކުގެ ގޮތުގައި ގަވާއިދާއި ހިލާފަށް ބޭނުން ކުރަމުން ދަނިކޮށް ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.