"ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

"ކިޑްސް ފުޓްބޯލް ފިއެސްޓާ" އަކީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން ބޭއްވި ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތެކެވެ.

މިއަދު ހަވީރު ހެންވޭރު ބޯޅަދަނޑުގައި ބޭއްވި މި މުބާރާތުގެ ފައިނަލްމެޗުގައި ވާދަކޮށްފައި ވަނީ މަޖީދިއްޔާ ސްކޫލާއި ޣާޒީ ސްކޫލެވެ. މިއަދު ކުޅުނު ފައިނަލް މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ޣާޒީ ސްކޫލެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ފައިނަލް މެޗު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެންޕިއަން ޓީމަށް ޓްރޮފީއާ އިނާމު ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.