މަޝްހޫރު ފިލްމީ ތަރި ޑަޗަސް އޮފް ސަސެކްސް މޭގަން މާކެލްއަށް ބުލީކުރާކަމަށް ވިދާޅުވެ، އަނބިކަނބަލުން މޭގަން މާކެލްގެ ދިފާއުގައި އިނގިރޭސި އަމީރު ޕްރިންސް ހެރީ، އިނގިރޭސިވިލާތުގެ މީޑިއާއާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހެރީ ވަނީ، މޭގަންއާއި ދެކޮޅަށް އިނގިރޭސި މީޑިއާއިން ކުރަމުންދާ 'ރަހުމެއް ނެތް' ކެމްޕޭނާ ދެކޮޅަށް ބަޔާނެއްވެސް ނެރުއްވާފައެވެ. ކަންމިހެން އޮތްއިރު، މާކެލް ލިޔެފައިވާކަމަށް ބުނާ ސިޓީއެއް އާންމު ކުރި މީޑިއަކާ ދެކޮޅަށް ޝަހީ އާއިލާއިން ގާނޫނީ ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށްވެސް ބައެއް ޚަބަރުތައް ބުނެއެވެ.

މީޑިއާގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާ، އަމާޒަކަށް ވާންވާނީ ތެދު ހާމަކުރުން ކަމަށް ދެމަފިރިންގެ ހައިސިއްޔަތުން މޭގެންއާއި ހެރީ ގަބޫލުކުރައްވާކަމަށް ޑަޗަސް އޮފް ސަސެކްސް އާންމުކުރެއްވި ބަޔާނުގައި ވެއެވެ. ނިކުމެދާނެ ނަތީޖާއަކަށް ނުބަލާ އިނގިރޭސި ޓެބްލޮއިޑްތަކުން ހިންގާ އަމަލުތަކުގެ ޝިކާރައަކަށް އަނބިކަނބަލުން މޭގަން މާކެލް ވެފައިވާކަމަށާ، މިކަންކަމާ މޭގަންއަށް ކުރިމަތިލާންޖެހިފައިވަނީ އަލަތު ތުއްޕުޅު ދަރިކަލަކުވެސް ގެންގުޅެމުންދާ ދަނޑިވަޅެއްގައިކަން ހެރީގެ ބަޔާނުގައިވެއެވެ.

ކިތަންމެ އުފާވެރި މޫނެއް އާންމުންނަށް ދައްކައިގެން އުޅުނު ކަމުގައި ވީނަމަވެސް، ބޮޑެތި ތަދުތަކެއް އިހުސާސްކުރައްވާކަން ހެރީގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ގާނޫނީ ފިޔަވަޅާ ބެހޭގޮތުން ހެރީ ވިދާޅުވީ އެއީ ނުރައްކާތެރި ފިޔަވަޅަކަށް ވެދާނެ ކަމަށާ ނަމަވެސް މާޒީ ތަކުރާރުވެގެންދާތަން ބައްލަވަން ނުހުންނަވާނެ ކަމަށެވެ. އަވަހާރަވެފައިވާ މަންމާފުޅު ޕްރިންސަސް ޑަޔާނާގެ ހަޔާތްޕުޅަށް އިޝާރާތްކުރައްވާ ހެރީ ވިދާޅުވީ މީޑިއާގެ ނުފޫޒުން ހެރީގެ ހަޔާތުގައި އޭނާ އިންތިހާއަށް ލޯބިވި އެކަކު ގެއްލިފައިވާކަމަށާ، އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދެއްވާނެ ކަމަށެވެ.

ހެރީގެ ބަޔާން ނިންމަވާފަލައްވާފައިވަނީ، އެދެކަނބަލުންނާ އާއިލާއަށް އާންމުން ދެމުންދާ ލޯތްބަށް ޝުކުރު އަދާކުރައްވަމުންނެވެ.