އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމުގެ ކުށުގެ ތުހުމަތުގައި އެކަން ކަން ބަލައިދިނުމަށް އެދި، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)އާއި ދެކޮޅަށް، ބައިނަލްއްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މީގެ 1 އަހަރު ކުރިން އިހާނެތި ގޮތަކަށް ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި މައްސަލަވެސް ހިމެނޭ ގޮތަށް އެމްބީއެސްއާއި ދެކޮޅަށް އައިސީސީއަށް ޕެޓިޝަން ހުށަހަޅާފައިވަނީ އިންސާނިއްޔަތާ އިންސާނީ ހައްގުތަކަށް ވާކާލާތުކުރަމުންދާ ޖަމާއަތްތަކުގެ ނަމުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވަމުންދާ ލޯ ފާމަކުންނެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ނެރުމަށް ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޚަދީޖާ ޖެންގީޒް ރޮނީ / ފޮޓޯ: ރޮއިޓާޒް

ޚަޝޯގީގެ މަރު

ވަރިކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި ސައުދީ އެމްބަސީއަށް ޚަޝޯގީ އެންމެ ފަހުން ވަދެފައިވާތީ ފެނިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޚަޝޯގީއާއިއެކު އޭނާގެ ލޯބިވެރިޔާވެސް ކޮންސިއުލޭޓަށް ދިޔައެވެ. ނަމަވެސް އޭނާ ހުރީ އެމްބަސީގެ ބޭރުގައެވެ. ކޮންސިއުލޭޓް ބަންދުކުރިއިރުވެސް ޚަޝޯގީގެ ޚަބަރެއް ނުވި ހިސާބުން، ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅީވެސް ޚަޝޯގީގެ ލޯބިވެރިޔާ ޚާދީޖާ ޖެންގީޒްއެވެ.

ޚަޝޯގީ މަރާލާފައިވާ ކަމަށް ދެކެވުނު ވާހަކަތަކަށް ސައުދީއިން ފުރަތަމަ އިންކާރު ކުރި ނަމަވެސް އޭނާ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށާ، އެކަންކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ޑެތް ސްކޮޑަކުން ކަމަށް ސައުދީއިން ފަހުން އިއުތިރާފުވިއެވެ. ސައުދީގެ ޝާހީ އާއައިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، ހުޅަނގުގެ މީޑިއާގައި މިނިވަންކަމާއެކު ލިޔަމުންދިޔަ ޚަޝޯގީ މަރާލީ އެމްބީއެސްގެ އޯޑަރަކަށް ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި އެކި ތަހުގީގުތަކުން ސާބިތުވެފައި ވީ ނަމަވެސް، ސައުދީއިން އަދިވެސް ދަނީ މިކަމަށް އިންކާރު ކުރަމުންނެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމަލުގައި ބައިވެރިވި ޑެތްސްކޮޑުން ތުރުކީވިލާތުގެ އެއާޕޯޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ސައުދީއިން ބުނާ ގޮތުގައި ޚަޝޯގީގެ މަރާ ގުޅިގެން 11 މީހެއްގެ މައްޗަށް ދަނީ ދައުވާ ކުރަމުންނެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ހާމަކުރަމުން ނުދާއިރު، އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް މި މައްސަލާގައި ހުކުމެއް އިއްވާފައެއް ނުވެއެވެ.

އައިސީސީއަށް ހުށަހެޅި ޕެޓިޝަން

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދާ ދެކޮޅަށް އައިސީސީއަށް ހުށަހެޅި ޕެޓިޝަންގެ ވާހަކަ މިއަދު އާންމުކޮށްފައިވީ ނަމަވެސް މިއީ މިދިޔަ ޖުލައި މަހު ހުށަހެޅި ޕެޓިޝަނެކެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ އެމެރިކާގެ ލޯ ފާމަކުންނެވެ. މި ޕެޓިޝަން ބުނާ ގޮތުގައި ގަސްތުގައި މީހުން މެރުމާ، ލާއިންސާނީ އަނިޔާކުރުމާ، ރޭޕް ކުރުމާ، ބިރުދެއްކުމަ، ޣައިރު ގާނޫނީ ގޮތެއްގައި މީހުން ހައްޔަރުކުރުމާ، އިންސާފެއް ނެތް ގޮތަށް ޝަރިއަތް ހިންގާ މަރުގެ ހުކުމް އިއްވުން ފަދަ ބޮޑެތި ޖަރީމާތަކުގައި އެމްބީއެސް ބެދެއެވެ. މި ޖަރީމާތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނަކީ ކަނޑައެޅިގެން ޓާގެޓްކޮށްފައިވާ ބައެއް ކަމަށާ، އެއީ އެމްބީއެސްގެ ހުދުމުހުތަރު ސިޔާސަތުތަކާ ދެކޮޅު މީހުންކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ދަރިފުޅު ސަލާހް ޚަޝޯގީ (ވ) ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވަނީ/ފޮޓޯ: އެންބީސީ ނިއުސް

އެމްބީއެސް ވިދާޅުވަނީ ކީކޭ؟

ދާދިފަހުން އާންމުވެގެންދިޔަ ބަސްދީގަތުމެއްގައި އެމްބީއެސް ވަނީ ޚަޝޯގީގެ މަރުގެ ޒިންމާ އުފުއްލަވާ ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެ ކަމަކީ އޭނާގެ އަޑަރަކަށް ކުރެވުނު ކަމެއް ނޫންކަމަށް ވިދާޅުވެ، އެމްބީއެސް ވަނީ ދިފާއަށް ކުޅުއްވާފައެވެ.

ޚަޝޯގީގެ މަރުގެ ޒިންމާ އެމްބީއެސް އުފުއްލަވާކަމަށް ވިދާޅުވީ، ސައުދީގެ 2 ވަނަ އަށް އެންމެ އިސްލީޑަރުގެ ގޮތުގައި ގައުމުގެ ކަންކަން ބެލެހެއްޓެވުމަށް ހުންނެވި ބޭފުޅާގެ ހައިސިއްޔަތުން ކަމަށްވެއެވެ.

ސައުދީ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ކ)އާއި ކައިވެނި ކުރުމަށް ހަމަޖައްސަންޖެހޭ ބައެއްކަންކަމާ ގުޅިގެން/ފޮޓޯ: ޑެއިލީ ސްޓާ

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އިމާރަތަށް ޚަޝޯގީ ވަނުމާއެކު، ސުވާލުކުރުމަށްފަހު އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ބުރިބުރިކޮށް، ފޮތިކޮށްފައިވާކަމަށް މިހާތަނަށް ލިބިފައިވާ އެކި ހެކިތަކުން ސާބިތުވެ، ޚަޝޯގީގެ މަރަށް 1 އަހަރު ފުރުނުއިރުވެސް އޭނާގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ.