ބޮޑުތަކުރުފާނު މަގުގެ ތިން ސަރަހައްދެއްގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކުރުން ގިނަވެފައި ވާ ކަމަށް ބުނެ މިއަދުން ފެށިގެން އެ ސަރަހައްދުގައި ޕާކު ނުކުރުމަށް ފުލުހުން އަންގައިފިއެވެ.
ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކު ކޮށްފައިވާ ތިން ސަރަހައްދު:
- ބޮޑުތަކުރުފާނުމަގު މެހެލިގޯޅި ގުޅޭ ހިސާބު (MTCC ފެރީ ޓާމިނަލް ކުރިމަތިން ބީއެމްއެލް އޭޓީއެމްއާ ދެމެދު)
- އަމީނީމަގު ބޭންކް އޮފް މޯލްޑިވްސް ކަސްޓަމާ ސާވިސް ސެންޓަރު ސަރަހައްދު
- ކަނބާއައިސާރަނި ހިނގުން IGM ހޮސްޕިޓަލް ސަރަހައްދު
ފުލުހުން ބުނީ އެ ސަރަހައްދަށް ފުލުހުން ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށާ ދެން އެ ސަރަހައްދުގައި އެއްގަމު އުޅަނދެއް ޕާކު ކޮށްފައިވާ ނަމަ ފުލުހުން އެ އުޅަނދެއް އެ އޮންނަ އުސޫލަކުން ޓޯ ކުރާނެ ކަމަށެވެ. އަދި އެނޫނަސް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު ޓޯ ކުރާނެ ވާހަކަވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރުވެސް އަންނަނީ ޕާކު ކުރަން އޮންނަ ޒޯނު ނޫން އެހެން ތަނެއްގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާވެސް ޖަހަމުންނެވެ. އަދި ހަމައެއާއެކު ގިނަ ދުވަސްވެ އެއްވެސް ވަރަކަށް ނުދުއްވާ އުޅަނދުތައްވެސް ފުލުހުން ދާދިފަހުން ވެސް ވަނީ މާލޭގެ އެކި ސަރަހައްދުން ޓޯ ކޮށްފައެވެ. އަދި އެފަދަ އުޅަނދުތައް ފުލުހުންގެ ޓޯޔާޑުގައި ގިނަ ދުވަސްވަންދެން ބެހެއްޓުމަށްފަހު ނައްތާވެސްލައެވެ. ނައްތާލުމުގެ ކުރިން އެކަން ފުލުހުން އިއުލާނުކޮށް އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދު ގެންދިއުމަށްވެސް އެދެއެވެ.