ރާއްޖެއިން ދުނިޔޭގެ ފްރީޑައިވިންގް ވޯލްޑް ރެކޯޑް ގާއިމްކޮށްފި އެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން "ނޭވާ" ގެ ނަމުގައި މިއަދު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ގާއިމުކުރުމުގައި ޢަމަލީގޮތުން ރައީސް ސޯލިހް ބައިވެރިވެ ވަޑައިގެނެނެވި އެވެ. ފްރީޑައިވިންގް ރެކޯޑް ގާއިމުކުރުމަށް ބޭއްވި ހަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ބަރޮސް މޯލްޑިވްސްގެ ފަޅުގައެވެ.

ރާއްޖެއިން ފްރީޑައިވިންގް ރެކޯޑް ހެދުމުގައި ރައީސްއާއިއެކު ޖުމްލަ 521 ޑައިވަރުން މިއަދު ފީނާފައި ވެއެވެ. ޑައިވަރުން މި ރެކޯޑް ހެދުމަށް 30 ސިކުންތު ވަންދެން 3 މީޓަރު އަޑިއަށް ފީނާފައިވެއެވެ. މި ހަރަކާތުގައި ދުނިޔޭގެ ވާލްޑް ރިކޯޑް ދެފަހަރަށް ހާސިލުކޮށް، ވާލްޑް ޗެންޕިއަން ފްރީޑައިވާގެ މަގާމު ހާސިލުކޮށްފައިވާ ނިއުޒީލެންޑްގެ ރައްޔިތެއްކަމަށްވާ ވިލިއަމް ޓްރޫބްރިޖް ވެސް ވަނީ ބައިވެރިވެފައެވެ.

މި ފްރީޑައިވިންގް ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުން ގިނިސް ވާލްޑް ރިކޯޑުގެ އޮފިޝަލުން ވަނީ "ނޭވާ" ފްރީޑައިވިންގް ހަރަކާތަކީ ދުނިޔޭގެ އާ ވާލްޑް ރިކޯޑެއްކަމުގައި ކަނޑައަޅައި ރައީސްއަށް އެކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

"ނޭވާ" ގެ ނަމުގައި ހިންގި މި ފްރީޑައިވިންގް ހަރަކާތަކީ 2009 ވަނަ އަހަރު 280 މީހުންނާއެކު އިޓަލީގެ ވެރޯނާގައި ގާއިމުކޮށްފައިވާ ވާލްޑް ރިކޯޑް މުގުރާލުމަށް ރާއްޖެއިން ހެދި އާ ފްރީ ޑައިވިންގް ރެކޯޑެކެވެ.