ސައިކަލެއްގެ މަތީގައި އިން ބިދޭސީއެއްގެ ގަޔަށް ފެން ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

ސައިކަލެއްގެ މަތީގައި އިންދާ، ބިދޭސީއެއް ގަޔަށް ފެން ޖަހާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭއިރު، އެ ވީޑިއޯއިން ފެންނަނީ ބިދޭސީ މީހާ ގަޔަށް ދިވެއްސަކު އައިސް ފެން ބާލިދީއެއް ޖަހާ ތަނެވެ. ފެން ޖެހުމަށް ފަހު، އެމީހާ ފޮތިގަނޑަކުން އެ ސައިކަލުގެ މަޑި ފޮހޭތަން ވެސް ވީޑީއޯ އިން ފެނެއެވެ.

ސައިކަލު މަތީގައި އިށީނދެގެން އިން ބިދޭސީ މީހާ ގަޔަށް ފެން ޖެހީ، އެ ސައިކަލުގެ ވެރިމީހާގެ ހުއްދަ ނުހޯދާ އިށީނުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. މިކަމާ މެދު ސޯޝަލް މީޑިއާގައި އެކި މީހުން ޝުއޫރު ފާޅު ކުރަނީ އެކި ގޮތަށެވެ. އެގޮތުން، ގިނަ މީހުން ދަނީ ދިވެހި މީހާއަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން، ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނި ގޮތުގައި، މީހުންގެ ސަައިކަލަކީ އަގު ބޮޑު މުދާ ކަމަށާއި، ސައިކަލު ދުއްވަނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކައިގެން ކަމަށް ބުނެއެވެ. އަދި ޕާކު ކޮށްފައި ހުންނަ ސައިކަލަކީ މީހެއްގެ ސިޓިން ރޫމުގައި ހުންނަ ސައިކަލެއް ނޫން ކަމަށް ބުނެ، އޭނާ ވަނީ ޕާކު ކޮށްފައި ހުންނަ ސައިކަލުތައް މަތީގައި އިށީނދެ ތިބުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

މި ވީޑިއޯއާ ގުޅިގެން ގިނަ މީހުން ވަނީ، ދިވެހި މީހާ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން، ސައިކަލު މަތީ އިށީނދެ އިން ބިދޭސީ މީހާ ގަޔަށް ފެން ޖެހުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ސައިކަލު މަތިން ތެދުވުމަށް ރީތިކޮށް ވެސް ބުނެވިދާނެ ކަމަށް އެމީހުން ބުނެއެވެ. މި ވީޑިއޯއާ ގުޅިގެން، ލަވަކިއުންތެރިޔާ މެޒޯ މުހައްމަދު (މެޒޯ މޯޑު) ވަނީ އެ ދިވެހި މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

އައްޗީޑި، ދިވެހިން އައްޗީޑި
މެޒޯ މޯޑު

ދިވެހިންނަށް ފާޑު ކިއުން އަމާޒުކުރަމުން މެޒޯ މޯޑް ބުނީ، ފެން ބާލިދީ ޖެހި މީހާ ހައްޔަރު ކުރަން އޭނާގެ އަތުގައި ބޮމެއް އޮތްތޯ ބަލަން ނުޖެހޭނެ ކަމަށާއި، ގާނޫނެއް، ގަވާއިދެއް ވެސް ހަދަން ނުޖެހޭނެ ކަމަށެވެ. އަދި ރަހުމެއް ނެތި ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަން އެމީހާ ސާބިތު ކޮށްދީފައި ވާއިރު، އޭނާ ދޫކޮށްލައިފައި ބަހައްޓަން ހެޔޮ ނުވާނެ ކަމަށް މެޒޯ ބުނެއެވެ.

މީގެ އިތުރުން، ބައެއް މީހުން ދަނީ، ފެން ބާލިދީ ޖެހި މީހާގެ ސައިކަލު ތަނަކުން ފެނުނަސް ފެން ޖަހާނެ ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.