ގުޅިފަޅުގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ޕޯޓުގެ ކޮންސަލްޓަންސީ ހެދުމަށް ބޭރުގެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ ޕޯޓުގެ ކޮންސަލްޓަންސީ ހެދުމަށް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޑެންމާކްގެ ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏާ ކަމަށެވެ.

އިކޮނަމިކް މިނިސްޓްރީން ވަނީ ގުޅީފަޅުގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރުގެ ޕްރޮޖެކްޓުގެ ކޮންސަލްޓަންސީ މަސައްކަތްކުރަން ހަވާލުކުރުމުގެ ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފައެވެ. މިދިޔަ މަހުގެ 28 ގައި ނީރާސް ކުންފުންޏަށް މި ޕްރޮޖެކްޓް އެވޯޑްކޮށްފައިވާ އިރު، މި މަސައްކަތުގެ ޖުމްލަ އަގު އެއް މިލިއަން ޑޮލަރަަށް އަރައެވެ.

މިއީ މި ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގުޅީ ފަޅުގައި ބައިނަލްއަގުވާމީ ޕޯޓް ހަދާ، މާލޭގައި އޮތް ޕޯޓް ގުޅީފަޅަށް ބަދަލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ޕޯޓް ނިމިގެންދާއިރު، ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލެވޭނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް އަންނަ ފެބްރުއަރީގައި ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.