އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔެ އެކަތިގަނޑަކަށް ނުވެއްޖެނަމަ ހީވެސް ނުކުރާ މިންވަރަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެން ހިނގައިދާނެ ކަމުގެ އިންޒާރު، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ދެއްވައިފިއެވެ.

ސީބީއެސްގެ "60 މިނެޓްސް" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި އެމްބީއެސް ވިދާޅުވީ، އީރާނުގެ މައްސަލަ ހައްލުކުރެއްވުމަށް އަސްކަރީ ފިޔަވަޅުގެ މައްޗަށް އިހުތިޔާރު ކުރައްވާނީ ސިޔާސީ ފެންވަރުގެ ހައްލެއް ކަމަށެވެ.

މިދަނޑިވަޅަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކާރުހާނާވެސް ހިމެނޭ ގޮތަށް، ސައުދީގެ ދައުލަތުން ހިންގަމުންދިޔަ ތެޔޮ ކާރުހާނާތަކަކަށް އަމާޒުކޮށް މިސައިލްއާއި ޑްރޯން ހަމަލަތާކެއްދީ، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަރުގަދަ ލޮޅުމެއް އަރާފައިވާ ދަނޑިވަޅެކެވެ. މި ހަމަލާތަކުގެ ޒިންމާ، ޔަމަނުގެ މައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތުން އުފުލާފައިވާއިރު، މިކަމުގެ އަޑީގައި އޮތީ އީރާނު ކަމަށް ސައުދީ އަރަބިއްޔާއާއި އެމެރިކާއިން ދަނީ ބުނަމުންނެވެ. ނަމަވެސް އީރާނުން ދަނީ މިކަމަށް އިންކާރުކޮށް، ހެކި ދެއްކުމަށް ގޮވާލަމުންނެވެ.

ސީބީއެސްގެ ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުން އެމްބީއެސް ވިދާޅުވީ އީރާނު ހުއްޓުވުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ އިތުރު ހަމަނުޖެހުންތަކެއް އުފެދި، ދުނިޔޭގެ މަސްލަހަތަށް ނުރައްކާވެދާނެ ކަމަށެވެ. ތެލުގެ ސަޕްލައަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށާ، ހަޔާތުގައިވެސް މިހާތަނަށް ދެކެފައި ނުވާ މިންވަރަކަށް ތެލުގެ އަގުތަށް އުފުލިގެންދާ މަންޒަރުވެސް އެފަދަ ދަނޑިވަޅެއްގައި ފެނިގެންދާނެ ކަމުގެ އިންޒާރުވެސް ސައުދީގެ ނުފޫޒުގަދަ ލީޑަރުވަނީ ދެއްވާފައެވެ.

ސައުދީ އަރަބިއްޔާގައި ހުންނަވައިގެން ދެއްވި ބަސްދީގަތުމުގައި އެމްބީއެސް އިތުރަށް ވިދާޅުވީ ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ހަމަލާއަކީ، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯވެސް ވިދާޅުވެފައިވާފަދައިން އީރާނުން ހިންގި ހަނގުރާމައިގެ އަމަލެއް ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. ނަމަވެސް މިކަމަށް ބޭނުންފުޅުވަނީ ސުލްހަވެރި ހައްލެއް ކަމަށާ، އެހެނީ ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު ހަނގުރާމަ ފަށައިފިނަމަ ދުނިޔޭގެ އިގުތިސޯދު އިނދަޖެހިގެން ހިނގައިދޭނެ ކަމަށްވެސް އެމްބީއެސް ވަނީ ވިދާޅުވެފައެވެ.

މިމޭރުމޫން ވާހަކަފުޅު ދައްކަވަމުން އެމްބީއެސް ވަނީ ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫތީންނަށް ދެމުންދާ އެއްބާރުލުން ހުއްޓާލުމަށް އީރާނަށް ގޮވާލައްވާފައެވެ. އަދި ޔަމަނު ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ސިޔާސީ އިމުގެ ތެރެއިން އޮތް ހުރިހާ ފުރުސަތަތަކަށް ސައުދީ ހުޅުވާލެވިފައިވާކަމަށްވެސް އެމްބީއެސް ވަނީ ވިދާޅުވެފައެވެ.

ޔަމަނުގެ މައި ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ކުރަމުންދާއިރު، ޔަމަނު ސަރުކާރުގެ ދިފާއުގައި ހޫތީންނާ ދެކޮޅަށް ޔަމަނު ހަނގުރާމައިގެ ތެރެއަށް ސައުދީ އިސްވެ އޮވެ އެކުލަވާލި އަސްކަރީ ކޯލިޝަނުން ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުއެވެ.