ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށް އޯޑަރު ދެއްވާފައި ނުވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ނޫފުޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ވިދާޅުވެއްޖެއެވެ.

"60 މިނެޓްސް" ޕްރޮގްރާމަށް ދެއްވި ބަސްދީ ގަތުމެއްގައި އެމްބީއެސް ވިދާޅުވީ ޚަޝޯގީ މަރާލުމަށް އޯޑަރުދެއްވާފައި ނުވާނެ ކަމަށާއި، ނަމަވެސް ޚަޝޯގީގެ މަރުގެ ޒިންމާ އުފުއްލަވާ ކަމަށެވެ. އެހެނީ ޚަޝޯގީ މަރާލެވުނުއިރު ސައުދީގެ ލީޑަރަކަށް ހުންނެވީ އޭނާ ކަމަށާއި، ވަކިން ހާއްސަކޮށް ޚަޝޯގީ މަރާލުމުގެ އަމަލު ހިންގާފައިވަނީ ސައުދީ ސަރުކާރަށް މަސައްކަތްކޮށްދެމުން ދިޔަ ފަރުދުންތަކެއް ކަމުގައި ވުމުން، ޚަޝޯގީގެ މަރުގެ ޒިންމާ އުފުއްލަވާ ކަމަށް އެމްބީއެސް ވަނީ ވިދާޅުވެފައެވެ.

ސައުދީގެ ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ކޮލަމްތައް ލިޔަމުންދިޔަ ޚަޝޯގީ މަރާލުމަށް އޯޑަރު ދެއްވާފައި ނުވާނެ ކަމަށާއި، ނަމަވެސް ޚަޝޯގީ މަރާލެވުމަކީ ސައުދީއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް އިއުތިރާފުވެވަޑައިގަންނަވާ ކަމަށް ވެސް އެމްބީއެސް ވަނީ ވިދާޅުވެފައެވެ.

ވަރި ކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ޚަޝޯގީ ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެދުވަހު ކޮންސިއުލޭޓް ބަންދުކުރިއިރުވެސް ޚަޝޯގީގެ ޚަބަރެއް ނުވުމާއެކު އެކި ފަރާތްތަކުން ކަންބޮޑުވުންތައް ފާޅުކުރަން ފެށިއެވެ. ކޮންސިއުލޭޓަށް ވަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޚަޝޯގީއާއި ސުވާލުތަކެއް ކޮށް، އޭނާއަށް ލާއިންސާނީ އަނިޔާދީ، އިހާނެތި ގޮތަކަށް އޭނާ މަރާލާފައިވާކަމަށް ސައުދީއިން އިއުތިރާފުވެއެވެ. ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައިތައް ބުރިބުރިކޮށްފައިވާކަން ކަށަވަރުވި ނަމަވެސް، އަދާޖެހެންދެކަށްވެސް އޭނާގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ޚަޝޯގީގެ މަރާ ގުޅިގެން 11 މީހެއްގެ މައްޗަށް ސައުދީ އަރަބިއްޔާގައި ދައުވާ ކުރަމުންދާކަމަށް އެގައުމުން ބުނާއިރު މިއަށްވުރެ އިތުރު އެއްވެސް ތަފްސީލެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމުގައި ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށްވެސް ސައުދީއިން ދެކޮޅު ހަދައެވެ.

"60 މިނެޓްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްބީއެސް އިތުރަށް ވިދާޅުވީ، ސައުދީގެ ސަރުކާރަށް ހިދުމަތްކުރަމުންދާ 3 މިލިއަނެއްހާ މުވައްޒަފުން ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއް އޭނާއަށް އެނގެންޖެހޭނެކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުގައި ދެވަނައަށް އެންމެ އިސް މަގާމުގައި ހުރި މީހަކަށް 3 މިލިއަން މީހުންގެ ދުވާލެއްގެ މަސައްކަތުގެ ލޮގް ފޮނުވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށްވެސް އެމްބީއެސް ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު ޚަޝޯގީއާއި ކައިވެނި ކުރުމަށް ތައްޔާރުވަމުންދިޔަ، އަދި ޚަޝޯގީއާއިއެކު އެންމެ ފަހުވަގުތުވެސް ކޮންސިއުލޭޓް ކައިރިއަށްދިޔަ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް ވަނީ، ޚަޝޯގީ މަރާލަންޖެހުނު ސަބަބަކާ، ޚަޝޯގީގެ ހަށިގަނޑަށް ވީ ގޮތެއް ސީދާ އެމްބީއެސް ވިދާޅުވެ ދެއްވުމަށް ޑިމާންކޮށްފައެވެ.