އދގެ އާންމު މަޖިލީހުގައި ރައީސް ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުން އދގެ މި އަހަރުގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހް އދގެ އާންމު މަޖްލީހުގައި ތަގްރީރުކުރެއްވުމަށް މިފަހަރު ވަޑައިގެންފައި މިވަނީ ރާއްޖޭގެ އެންމެ އިސްވެރިޔަކު އދ ގައި ތަގްރީރު ނުކުރައްވާތާ ހަތް އަހަރު ފާއިތުވެ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ވަރަށް ބޮޑަށް އެކަހެރިވެފައި ވަނިކޮށެވެ. އެހެންކަމުން މިއީ އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ އަހަރެއް ނުވަނީސް އދ ގައި ތަގްރީރުކުރެއްވުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ އިތުރުން ދިވެހިރާއްޖެ ބައިނަލްއަގްވާމީ މުޖްތަމައާ އެކަހެރިކޮށް އޮތް އޮތުމަށް ނިމުމެއް އައިސްފައިވާކަން ހާމަވެގެންދިޔަ ކަމެކެވެ.

ރައީސް އދ ގައި ދެއްވި ތަގްރީރަކީ ރާއްޖެއިން ކުދިޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރަމުންދާ ދިއުމަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދިޔަ ތަގްރީރެކެވެ. މި ތަގްރީރުގައި ރައީސްވަނީ ރާއްޖެއިން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވަކާލާތު ކުރަމުން އަންނަ ތިމާވެށީގެ މައްސަލަތައް، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުގެ ނާޒުކުކަން ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް ގެންނަވައި އެކަމުގެ ނުރައްކާތެރިކަން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޮތް މިންވަރު ހާމަކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އދ ގެ އާންމު މަޖްލީހުގެ ހަވާސާގައި ބޭއްވުނު އެކިއެކި ރަސްމީ އިހްތިފާލުތަކާއި ބައްދަލުވުން ތަކުގައިވެސް ރާއްޖެއިން ވަނީ ތިމާވެށީގެ މައްސަލަތަކުގައި ރާއްޖޭގެ ވިސްނުމާއި ތަސައްވުރު ބައިނަލްއަގްވާމީ މުޖްތަމައާ ހިއްސާކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އަޑުއުފުލާފައެވެ. މީގެ ތެރެއިން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ބޭނުން އެހެން ގައުމުތަކުން ވެސް ހިފުމަށް ރައީސްވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ ތިމާވެއްޓާބެހޭ 11 މައިގަނޑު ދާއިރާއަކުން ހާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއްރަށް ދަތުރުފަތުރުން ގުޅުވާލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަޙުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްގީ ގެނައުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ބައެއްކަންކަން ހިމެނެއެވެ.

ދިވެހި ސަރުކާރާ ރައްޔިތުން ތިމާވެށީގެ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ހާމަވެގެންދިޔަ އެއްކަމެއްގެ ގޮތުގައި ރައީސްގެ މިދަތުރުފުޅުގައި ފެނިގެންދިޔަ އެންމެ މުހިންމު ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލުމަށް ރާއްޖެއިން އިޢުލާނު ކުރެއްވުމެވެ. ހަމަ އެއާއެކު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" ކަމުގައި އިއުލާނުކުރެވިގެން ދިއުމާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެއާ އެޖަމާއަތާ ދެމެދު ސޮއިކުރެވިގެން ދިއުމަކީވެސް ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ފާހަގަވެގެން ދިޔަ ކަމެކެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން ހަ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ތެރެއިން ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަށް ހެދުމަށެވެ. މީގެއިތުރުން އޭޝިޔާ ބައްރުގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ރިޒާވް މެނޭޖްކުރުމަށް ސަރަހައްދީ އެއްބާރުލުން ހޯދަން މަސައްކަތް ކުރުމާއި ނޫ އިގްތިސާދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމާއި މި ބައްދަލުވުމުގެ ހަވާސާގައި ކުރިޔަދިޔަ އެހެން ބައްދަލުވުންތަކުގައި ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ މައްސަލަތަކާއި ސަރަހައްދީ އަދި އަދުގެ ދުނިޔޭގައި ރާއްޖެއިން ވެސް އެންމެ އިސްކަންދޭ މައްސަލަތަކާ ބެހޭގޮތުން އަޑުއުފުލާފައެވެ. އެގޮތުން އަދުގެ ދުނިޔޭގައި އެންމެ ހައްސާސް އެއްމައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އަޅާދިޔުމާ ގުޅޭގޮތުން "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ރައީސްވަނީ ތަގްރީރު ކުރައްވާފައެވެ. ރައީސްގެ މި ތަގްރީރުގައި، ޓެރަރިޒަމް ފެތުރުމަށާއި، ދީނީ ހަރުކަށިކަން ފެތުރުމުގައި އިންޓަނެޓްގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ބައިނަލްއަގްވާމީ މުޖްތަމައަށް ވަނީ ދެއްވާފައެވެ.

ރައީސް އދ ގެ އާންމު މަޖްލީހުގައި ދެއްކެވި ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އަލިއަޅުއްވާލައްވައި އެމައްސަލަ ހައްލުކުރުމަށް އދ ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުކާއި ހިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ރައީސް އދ ގެ އާންމު މަޖުލީހުގައި ތަގްރީރުކުރެއްވުމަށް މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ ބައިނަލްއަގްވާމީ މުޖުތަމަޢާ އޮންނަ ގުޅުންތައް އިތުރަށް ބަދަހިވުމަށް ވެސް ވަނީ މަގުފަހިވެގެން ގޮސްފައެވެ. އެގޮތުން މި ދަތުރުޅުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުންނާއި މަންދޫބުންނާއެކު ރައީސް ބައްދަލުވުންތަކެއް ބާއްވަވާފައި ވާއިރު މި ބައްދަލުވުންތަކުގައި ރާއްޖެއިން މައިގަނޑުގޮތެއްގައި ވަކާލާތުކޮށްފައި ވަނީ ސަރަހައްދީ ގައުމުތަކާއި އަވަށްޓެރި ގައުމުތަކާ އަދި ބައިނަލްއަގްވާމީ މުޅި މުޖުތަމައާއި ގުޅިގެން މަސައްކަތްކޮށް ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށެވެ.

ރައީސް ސޯލިހް އދ ގައި ދިވެހި ގައުމު ތަމްސީލު ކުރެއްވުމަށް މި ކުރެއްވި މުހިންމު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެންނެވި ގޮތަށް ފުރަތަމަ ޒިޔާރަތްކުރެއްވީ މިހިނގާ ސެޕްޓެމްބަރު މަހު މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ.