އަބަދަށްފެހި މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ޒިޔާރަތްކުރައްވައި އެސަރަހައްދު ބައްލަވާލައްވައިފިއެވެ.

ރައީސް އދ ގެ އާންމު މަޖިލީހުގައި ތަގްރީރުކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ފުރަތަމަ ޒިޔާރަތްކުރެއްވީ އަބަދަށް ފެހިމަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ކުރެއްވި މި ޒިޔާރަތަކީ މިމަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދުގެ މިހާރުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، ހަތަރު ގުދަނަކާއި ހަ ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ. އަދި މި ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. ރައީސް ވަނީ އދ. ގެ އާންމު މަޖިލީހަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެސް އަލިފާނުގެ ހާދިސާގެ ކަންކަން ގާތުން ބައްލަވާ، ހާލުގައި ޖެހުނު އާއިލާތަކާ ބައްދަލުކުރައްވާފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އަބަދަށްފެހި މަގު އަދިވެސް އޮތީ ބަންދުކޮށްފައެވެ. އަދި އެތަނުގއި އަރިއަޅާލި އިމާރާތެއް ރޫޅާލުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި ހާދިސާ ދަނީ ތަހުގީގު ކުރަމުންނެވެ.