ކަސްޓަމްސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ރިޝްވަތުގެ މައްސަލައެއްގައި ވަޒީފާއިން ވަކި ކޮށްފި ކަން އެންގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ވަކި ކުރީ މުއާޒު އަލީއެވެ. އޭނާ ވަކި ކުރީ ރިޝްވަތު ނަންގަވައިގެން ކަސްޓަމްސްގެ އުސޫލުތަކުގެ ތެރެއިން ވަކި ބަޔަކަށް މަންފާތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މި މައްސަލާގައި "ދަޕްރެސް"އަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮރަޕްޝަނާއި ގުޅޭ މައްސަލައެއްގައި އެ މުއައްސަސާގެ ސީނިއާ މުވައްޒަފަކު ވަކި ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އެ މައްސަލައަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުންދާ މައްސަލައެއް ކަމަށް ވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި އިރު ވަގަށް ރާއްޖެއަށް ވެހިކަލް އެތެރެ ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަސްޓަމްސްއިން ވަނީ ބަލަން ފަށާފައެވެ. ވެހިކަލްތައް އެތެރެކުރި މައްސަލާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން ވިދާޅުވީ ރާއްޖެއަށް ވެހިކަލް އެތެރެކުރި މައްސަލަ ކަމާ ގުޅުން ހުރި އެހެން ގައުމުތަކުގެ ކަސްޓަމްސްއާއި މުއައްސަސާތަކާ ގުޅިގެން ބައްލަވަމުން ގެންދަވާ ކަމަށެވެ. ނުއުމާން ވިދާޅުވީ އެ ތަހުގީގު ކުރިއަށް ދާއިރު ނުބައްލަވާ ދޫކޮށްލާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށެވެ. އަދި ސިއްރު ކުރަންޖެހޭ އެއްވެސް މައުލޫމާތެއްވެސް ނުބަހައްޓާނެ ކަމަށާ ހުރިހާ މައުލޫމާތެއްވެސް އާއްމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.