އީރާނުގެ ބޯޓަކުން ރާއްޖެ ގެނައި 49 ކިލޯގެ މަސްތުވާތަކެތި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުަގއި ދައުލަތުން ބުނީ ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް ދައުލަތުން ނިންމީ އެ ދެމީހުންގެ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. ނަމަވެސް އަނެއް ފަސް މީހުންގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދާނެ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ ބަލި ހާލަތު ހުރި ގޮތުން ދެމީހެއްގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން ނިންމި ކަމަށް އަންގާ މިއަދު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާނެ ކަމަށެވެ.

މި ބޯޓަކީ މިދިޔަ މެއި މަހު މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ބޯޓެކެވެ. އެ ބޯޓުން ބަލާ ފާސްކުރިއިރު އެ ބޯޓުން 49 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އެ ބޯޓުގައި އެވަގުތު ތިބީވެސް ހުސް އީރާނު މީހުންނެވެ.

މި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ކުރާއިރު ދެ ތިބި ދެމީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެއްޗެއް ބޭނުން ކުރުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު މައްސަލަ ސާފުކޮށް ދެއްވުމަށް ފަހު، އީރާނު ބަހުން އެކަން ދައުވާ ލިބޭ މީހުންނަށް ތަރުޖަމާކޮށް ދިނުމަށް އެންގެވިއެވެ. އަދި އެ ފަސް މީހުންގެ ގާނޫނީ ވަކީލް ވިދާޅުވީ އެ މައްސަލާގައި ހަމަޖެއްސި ތަރުޖަމާނަށް ރަނގަޅަށް ދިވެހި ބަސް ފަހުމް ނުވާ ކަމަށެވެ. ދައުލަތުން ބުނީ މި މައްސަލަ ކުރިއަށް ގެންދާނީ ދިވެހި ބަސް ރަނގަޅަށް އެނގޭ އަދި އީރާނު ބަހުން އެކަން އެ ފަސް މީހުންނަށް ވެސް ސާފު ކޮށްދެވޭ ވަރުގެ ތަރުޖަމާނަކާއި އެކުގައި ކަމަށެވެ.

އެހެންކަމުން މިއަދުގެ ޝަރީއަތް އިތުރަށް ކުރިއަށް ނުގެންގޮސް މެދުކަނޑާލިއެވެ. ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އެކަމަށް ފުރުސަތު ދިނުމަށް ފަހު ކަމަށް ގާޒީ އިއުލާން ކުރެއްވިއެވެ.