ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލޯކް ސިއު ފޫކްއެވެ. ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ތެރެއިން ބޭއްވި ބައްދަލުރެއްވުމުގައި ރާޢްޖެއާއި މެލޭޝިއާ ދެމެދުގައި މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓެއްގައި ސޮއި ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ވަރަށް އަވަސް މުސްތަގްބަލެއްގައި މި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން މެލެޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުން ކުރެވޭއިރު ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެއެވެ. ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ކުރިން ބަލައިގަންނަމުން އައި ނަމަވެސް، ބޭރު ގައުމުތަކުގެ ލައިސަންސް އަށް ހުއްދަ ދިނުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން މި އަހަރުން ފެށިގެން އެ ގައުމުން ވަނީ އުޅަނދުތައް ދުއްވުމުގައި ރާއްޖޭގެ ލައިސަންސް ބަލައިގަތުން ހުއްޓާލައިފަ އެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ދިވެހި ދަރިވަރުން މެލޭޝިއާގައި ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުން ހުރި ކޯސްތަކަކީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭގޮތުންވެސް ދެ ޤައުމުން ވަނީ މަޝްވަރާކުރައްވާފައެވެ.