ހުރިހާ ރައްޔިތުންނެއްގެ ހުވަފެންތައް ފުނޑުފުނޑުކޮށް ވެއްޔާ މޮޑެލީ ހަނގުރާމަވެރި ހޫތީން ކަމަށާ، އެ ޖަމާއަތް އުފައްދާ، ތަމްރީނުކޮށް އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެމުންދަނީ އީރާނުން ކަމަށް ތުހުމަތުކުރައްވާ، ޔަމަނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޢަބްދުﷲ އަލް-ހަދްރާމީ ވާހަކަފުޅުދައްވައިފިއެވެ.

އދގެ 74 ވަނަ އާންމު މަޖިލީހުގައި ޔަމަނުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަލް-ހަދްރާމީ ވިދާޅުވީ، ޔަމަނަކީ މެދުއިރުމަތީ ފަހްރެއް ކަމަށާ، ނަމަވެސް މިއަދު ޔަމަނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށެވެ.

2014 ވަނަ އަހަރުން ފަށައިގެން ހޫތީން ދަނީ ޔަމަނުގައި ހުރި އަގެއް ހުރިއްޔާ ހުރި އެއްޗެއްވިއްޔާ ސުންނާފަތި ކުރަމުން ކަމަށާ، ނަމަވެސް ޔަމަނުގެ ރައްޔިތުންނަކީ އެމަންޒަރު ބަލަން ހިމޭނުން ތިބޭނެ ބައެއް ނޫންކަމަށްވެސް އަލް-ހަދްރާމީ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އަލް-ހަދްރާމީ ވިދާޅުވީ، ޔަމަނުގައި މިހާރުވެސް ކުރަމުންދާ ހަނގުރާމައިގެ ޒިންމާ އުފުލަންޖެހޭނެ ބަޔަކީ އީރާނު ކަމަށެވެ. މުޅި ދުނިޔޭގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގެ އެންމެ ބޮޑު ސްޕޮންސަރަކީ އީރާނު ކަމަށާ، އީރާނަކީ އެގައުމުގެ އަމިއްލަ ރަށްވެހިންގެ އަތުން ވަސީލަތްތައް ނިގުޅައިގަނެ، ހަނގުރާމަތަކަށް ފަންޑުކުރަމުންދާ ގައުމެއް ކަމަށްވެސް އަލް-ހަދްރާމީ ވަނީ ސިފަކުރައްވާފައެވެ.

ޔަމަނު ހަނގުރާމައަށް ސައުދީ އަރަބިއްޔާ ފޯރުކޮށްދެމުންދަނީ އެހީތެރިކަމެއް ކަން ފާހަގަކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަލް—ހަދްރާމީ ވަނީ ސައުދީއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކަންމިހެން އޮތްއިރު ޔަމަނުގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއް އުފެއްދުމަށް އެއްބާރުލުންދެމުންދާ ކަމުގެ ކުށުގެ ތުހުމަތުގައި ޔަމަނުގެ ހާރިޖީ ވަޒީރު ވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިންސާނީ ކާރިސާއަކީ ފަހުގެ ތާރީހެއްގައި ދުނިޔޭގެ ތާރީހު ދުށް އެންމެ ވަރުގަދަ ކާރިސާއެވެ.