އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަދި އެމަނިކުފާނާއެކު ދަތުރުކުރެއްވި ވަފުދުގެ ހަރަދު ހާމަކުރެވެން ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވުމުން، އެ ތަފްސީލުތައް ހާމަކުރުމަށް ސޯޝަލް މީޑިއާގައި ގޮވަން ފަށައިފިއެވެ.

އާންމުންގެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އެ މައުލޫމާތު ހާމަކުރުމަށް ގޮވަމުން ދަނިކޮށް، ޓްރާންސް ޕޭރަންސީން މޯލްޑިވްސް އިން ވެސް ވަނީ އެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލާފައެވެ. ޓްރާންސްޕޭރެންސީން ބުނީ ރައީސްގެ އދ ދަތުރުފުޅުގެ ހަރަދާ ގުޅޭ މައުލޫމާތު ހާމަކުރުމަށާއި، އެ މައުލޫމާތު ފޮރުވާފައި ބޭއްވުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށެވެ.

ޓްރާންސްޕޭރެންސީން މިހެން ބުނެފައި ވަނީ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލާ ގުޅޭގޮތުން "އާންމު ގޮތެއްގައި އެފަދަ ތަފްސީލެއް ހިއްސާއެއް ނުކުރަން" ކަމަށް ހޫދު ވިދާޅުވެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށެވެ.

"އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލާ ގުޅޭގޮތުން "އާންމު ގޮތެއްގައި އެފަދަ ތަފްސީލެއް ހިއްސާއެއް ނުކުރަން" ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ބުނިބުނުމަށް ކަންބޮޑުވަމެވެ،"
ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރެންސީން ބުނީ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް އެއިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭނެ ކަމަށް ބުނެފައިވާތީ އދ. އަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލަކީ ހިއްސާނުކޮށް ބޭއްވެނޭ މައުލޫމާތެއް ނޫންކަމަށެވެ.

މި މައްސަލައިގައި ހޫދު ވިދާޅުވެފައވަނީ އެ ދަތުރުގައި ބައިވެރިވި ބައެއް ބޭފުޅުންނަކީ ރައީސް އޮފީހުން ހަރަދުކޮށްގެން ދިޔަ ބޭފުޅުންތަކެއް ނޫން ކަމަށެވެ.

ރައީސް އދ. އަށް ވަޑައިގެންނެވި އިރު އެމަނިކުފާނާ އެކު ސަރުކާރުގެ 30 ބޭފުޅުން ވަޑައިގަތް އިރު އެ ދަތުރުގެ ހަރަދަށް ހަ މިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަވާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ހޫދު ވިދާޅުވީ އދ. ގެ ބައްދަލުވުމަށް ވަޑައިގަތް ބޭފުޅުންގެ އަދަދު 30 އަށް ނާރާ ކަމަށެވެ. އެ އަދަދު 15 އަށް ވުރެން ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަރަދުގެ ތަފްސީލަކީ އާންމުކޮށް ހާމަ ކުރައްވާ އެއްޗެއް ނޫން ކަމަށް ހޫދު ކުރިން ވިދާޅުވި ނަމަވެސް، އެނާ ވަނީ އެ ދަތުރުގެ ތަފްސީލު ފަހުން ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. ދެން ތިއްބެވީ އެމެރިކާގައި މަސައްކަތް ކުރައްވާ ސަރުކާރުގެ ބޭފުޅުން ކަމަށް ހޫދު ވިދާޅުވި އެވެ.

"އާއްމު ގޮތެއްގައި އެފަދަ ހަރަދުތަކުގެ ތަފްސީލެއް ހިއްސާއެއް ނުކުރަން. އެކަމަކު ބައެއް ފަރާތްތަކުން މިހާރު ކިޔަމުންދާ އަދަދުތަކަށް ވުރެ މާ ބޮޑުތަން ކުޑަވާނެ އެކަމުގެ ހަރަދުތައް،"
ހޫދު

އދ. ރައީސް ސޯލިހާ އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި ހޫދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސްގެ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހާއި ސެކްރެޓަރީ އާމިނަތު ޝައުނާއެވެ.