ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާއިރު އެކަމުގައި ރާއްޖޭގެ މުއާސަލާތީ ހިދުމަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، އުރީދޫއިން ބައިވެރިވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި އުރީދޫއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އެ ކުންފުނީގެ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ހަދިޔާއެއްގެ ގޮތުގައި އެކުންފުނިން ދެމުން ދިޔައީ ދިވެހި ބޮނޑިއެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އުރީދޫގެ މުވައްޒަފުންވެސް މި ދުވަހަށް ތައްޔާރުވެފައި ތިބި ތިބުމެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުން މިއަދު އޮފީހަށް ގޮސްފައިވަނީ ވެސް ދިވެހި ހެދުމުގައެވެ.
މީގެއިތުރުން އެކުންފުނީގެ ޓްވިޓާ އެކައުންޓުގައި ވަނީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހާއްސަ މެސެޖެއްވެސް ދީފައެވެ. އެގޮތުން އުރީދޫއިން ބުނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މައި މަންޒިލް ކަމަށެވެ. އެހެންކަމުން ފަތުރުވެރި ކަމަށްޓަކައި ރާއްޖޭގެ ހިތްގައިމު ތިމާވެށި ހިމާޔަތް ކުރުމަށް އުރީދޫއިން ވަނީ ގޮވާލާފައެވެ.
އުރީދޫއަކީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ނުވަ ދުވަހުގެ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރުވެސްމެއެވެ.