އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސް ސޯލިހް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން ބާއްވަވާފައި ވަނީ، އ.ދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު އ.ދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، އ.ދ.ގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ މުހިއްމު ދައުރު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމާ، ގައުމުތަކުގެ އާންމު ހާލަތާ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ސެކްރެޓަރީ ޖެނެރަލް ދެއްވާ އަހަންމިއްޔަތުކަމަކީ ޝުކުރު ހައްޤު މަސައްކަތްތަކެއް ކަމަށެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ދާހިލީ އަދި ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އ.ދ.ގެ ދައުރު ވަރަށް މުހިއްމު ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފަހާގަ ކުރެއްވިއެވެ. މިބައްދަލުވުމުގައި ރައީސްއާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްވަނީ، ރާއްޖެއާއި އ.ދ.އާއި ދެމެދު މުހިއްމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި ކަންތައްތަކަށް ތާއީދުކުރައްވައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ.އިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.