ކުރެވެން އޮތް އެންމެ ގަދަޔަކަށް އީރާނަށް ޕްރެޝަރުކޮށް ފިއްތުންތައް ކުރިމަތިކުރުމަށް ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އިބްރާހީމް އަލް-އައްސާފު، އދއަށާ ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފިއެވެ.

ސައުދީގެ ހާރިޖީ ވަޒީރު މިކަމަށް ގޮވާލައްވާފައިމިވަނީ، ސައުދީ އަރަބިއްޔާގެ ދައުލަތުން ތެލުގެ ސިނާއަތުގައި އޮޕަރޭޓްކުރާ ކާރުހަނާތަކަކަށް އަމާޒުކޮށް މީގެ 2 ހަފުތާއެއްހާ ދުވަސްކުރިން ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ޑްރޯން ހަމަލާތަކުގެ ފަހަތުގައި އޮތީ އީރާނު ކަމަށް ސައުދީއިން ބަނަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދގެ 74 ވަނަ އާންމު މަޖިލީހުގައި، ސެޕްޓެމްބަރު 14ގެ ޑްރޯންއާއި މިސައިލް ހަމަލާ ތަކުރާރުކޮށް ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ސައުދީގެ ހާރިޖީ ވަޒީރު ވިދާޅުވީ، އީރާނު "މައިތިރިކުރެވެން" އޮތް ހަމައެކަނި ގޮތަކީ، އީރާނަށް މާލީ އެހީ ލިބޭ ހުރިހާ ދޮރުތަކެއް ބަންދުކުރުން ކަމަށެވެ.

މިފަދަ ހާލަތްތަކުގައި އދގެ ސަލާމަތީ މަޖިލީހުގެ ކުށްލި ބައްދަލުވުމަކަށް ގައުމުތަކުން އެދުނު ކަމުގައި ވީ ނަމަވެސް، ސައުދީއިން އަދި މިފަދަ ކަމަކަށ ހުށަހަޅަފައި ނުވާކަން ފާހަގަކުރަންޖެހެއެވެ.

އެމެރިކާއިން ސައުދީއަށް އެރުން

ސައުދީގެ ދިފާއީ ކަންކަން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ ނަމުގައި އެމެރިކާއިން ދަނީ ދިފާއީ އިމުގެ ތެރެއިން ސައުދީގައި އެމެރިކާގެ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުންނެވެ. އެގޮތުން 4 ރާޑަރު ސިސްޓަމާ، ޕޭޓްރިއޮޓް މިސައިލްގެ ބެޓެރީ ސިސްޓަމުގެ އިތުރުން އެމެރިކާ އަސްކަރިއްޔާ 200 އެއްހާ ސިފައިން ސައުދީއަށް ފޮނުވުމަށް ނިންމާފައިވާކަން އެމެރިކާއިންވަނީ ހާމަކޮށްފައެވެ.

ދުނިޔޭގައި ހުރި އެންމެ ބޮޑު ތެޔޮ ކާރުހާނާވެސް ހިމެނޭހެން ސައުދީގެ ތެޔޮ ކާރުހަނާތަކަށް ދިން ހަމަލާގެ އިލްޒާމު، އެމެރިކާއިންވެސް އަޅުވަނީ އީރާނުގެ ބޮލުގައެވެ.

އިލްޒާމަށް ހެކި ބޭނުންވޭ

ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިންނެވެ. ސައުދީއާއި އެމެރިކާއިންވެސް ބުނަމުންދަނީ މިކަމުގެ އަޑީގައި އޮތީ އީރާނު ކަމަށެވެ.

ކަންމިހެން އޮތްއިރު، އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެގައުމުގެ ބޮލުގައި އިލްޒާމް އަޅުވަމުންދާ ގައުމުތަކަށް ގޮންޖައްސަވާފައެވެ. އީރާނުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވަމުންދާއިރު އެކަމަށް ސާބިތުހިފޭ ވަރުގެ ހެކިވެސް އެފަރާތްތަކުން ދައްކަންޖެހޭނެކަމަށް ރޫހާނީ ވަނީ ވިދާޅުވެފައެވެ.

ސައުދީއާއި އެމެރިކާގެ އިތުރުން ފަރަންސޭސިވިލާތާ ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުންވެސް މި ހަމަލާތަކުގެ ތުހުމަތު އަމާޒުކުރަނީ އީރަނަށެވެ.