ޕެރިސް މުއާހަދާގެ ދަށުން ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން ޔަގީންކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ދިވެހިރާއްޖެއިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވީހާވެސް އަވަހަކަށް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ދިވެހިރާއްޖޭގެ ހަރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ބައިނަލްއަގުވާމީ މުޖުތަމައަށް ދަންނަވައިފިއެވެ.

ހާރިޖީ ވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީއިން އިންތިޒާމްކޮށްގެން އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި މޫސުމާއި ސަލާމަތާއި ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މޫސުމާއި ސަލާމަތީ ކަންކަމާއި އޮތް ގުޅުން ބަޔާންކޮށް މިނިސްޓަރ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމުކަމަށް ވުމާއިއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލަމާތަށް އޮތް ނުރައްކާ ހާމަކޮށް، އެކަމަށް ހޭލުންތެރިކުރުމަށް ގްރޫޕް އޮފް ފްރެންޑްސްގެ ފަރާތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވަނީ އެމަސައްކަތަށް ތައުރީފްކުރައްވާފައެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއުލާންކުރައްވާފައިވާތީ، އެކަމަށްވެސް މިނިސްޓަރު ޝާހިދު އަލިއަޅުއްވާލެއްވިއެވެ.މި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި ބެހޭ މައުލޫމާތާއި، އެނުރައްކާތަކުން އަރައިގަތުމަށް ކުރެވިދާނެކަންކަމުގެ ލަފާ މެމްބަރު ޤައުމުތަކާއި ހިއްސާކުރެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލްއަށް ގޮވާލާ ޖޮއިންޓް ޕޮޒިޝަންގައި ސޮއިކުރައްވާފައެވެ.ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ އުފެދުނީ 1 އޮގަސްޓް 2018 ގައެވެ. އެޖަމާޢަތުން މަސައްކަތް ކުރަމުން އަންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެދާއިރާއިން އދގެ ބައިވެރިވުން އިތުރުކުރުމަށެވެ. މި ގްރޫޕްގައި 27 މެމްބަރު އުމު ހިމެނެއެވެ.