ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައި އިހާނެތި ގޮތަކަށް މަރާލެވުނު ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ޒިންމާ އުފުއްލަވާ ކަމަށް، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ވިދާޅުވެއްޖެއެވެ.

ޕީބީއެސްއިން އަންނަ ހަފްތާގައި ރިލީޒްކުރަން ހަމަޖެހިފައިވާ ޑޮކިއުމަންޓްރީއަކާ ހަވާލާދީ އަރަބި ގައުމުގެ ޚަބަރުތައް ގެނެސްދިނުމުގައި ގިނަ ބައެއް އިތުބާރު ހޯދާފައިވާ އިދާރާއަކުން ހާމަކުރި ގޮތުގައި، ޚަޝޯގީގެ މަރުގެ ޒިންމާ އެމްބީއެސް އުފުއްލެވެނީ، އެ އަމަލު ހިންގާދިޔައީ އޭނާގެ ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވުމަށް ފަހުގައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލި ފަހުން އެކަމާ ބެހޭ ގޮތުން ފާޅުގައި އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ އެމްބީއެސްއަކީ ޚަޝޯގީގެ މަރާ ގުޅިގެން އެންމެ ގިނަ ބަޔަކު ތުހުމަތު އިނގިލި އަމާޒުކުރަމުންދިޔަ ޝަހްސުވެސް މެއެވެ. ޚަޝޯގީ މަރާލާފައި ވަނީ ސައުދީގެ ވަރުގަދަ ޑެތް ސްކޮޑަކުން ކަން ހާމަވެފައިވާއިރު، އެ ސްކޮޑުން އެކަން ކުރީ ޚަޝޯގީގެ އޯޑަރަކަށް ކަމަށް ގިނަ ތަހުގީގުތަކަކުން ހާމަވެފައިވީ ނަމަވެސް، އަދާޖެހެންދެން ވެސް ސައުދީގެ އިސް ފަރާތްތަކުން މި ތުހުމަތުތައް ދޮގު ކުރެއެވެ.

ޕީބީއެސް ޑޮކިއުމަންޓްރީގެ ޕްރިވިއުއެއް މިހާރު ވަނީ އާންމުކޮށްފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ކ) ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންނަނިކޮށް އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓޭޖުގެ ސްކްރީންގްރޭބް/ފޮޓޯ: ދި އޮސްޓްރޭލިއަން

ޚަޝޯގީގެ މަރާ ގުޅިގެން 11 މީހެއްގެ މައްޗަށް ސައުދީން ދައުވާކުރަމުންދާ ކަމަށް އެގައުމުން ބުނާއިރު މިއިން އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް އިއްވާފައި ނުވާތާ، އެމައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ބައިނަލްއަގުވާމީ ފެންވަރުގެ އެއްވެސް ފަރާތަކަށް ހުއްދައެއް ސައުދީން ދީފައެއް ނުވެއެވެ.

ސައުދީގެ ޝާހީ އާއިލާއާއި ގާތުން މަސައްކަތްކުރުމަށްފަހު އެ އާއިލާއިން ގެންނަމުންދިޔަ ބައެއް ބަދަލުތަކާ ހިތްހަމަނުޖެހިގެން ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޚަޝޯގީ މަރާލާފައިވާކަމަށް ސައުދީން އިއުތިރާފުވީ ނަމަވެސް އަދާޖެހެންދެކަށް ވެސް އޭނާގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި ޚަޝޯގީ މަރާލި އަމަލު ހިންގި ކޮންސިއުލޭޓް އިމާރާތްވެސް އެހެން ފަރާތަކަށް ވިއްކާލާފައިވާކަމުގެ ޚަބަރުތަކެއް ދާދިފަހުން ވަނީ މީޑިއާއަށް ތިލަވެފައެވެ.